
ހައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް މައްކާއަށް ދެވިއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ރަމަޟާން މަހު ޢުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ފުރި އެންމެ ފަހު ގްރޫޕް މިއަދު ހެނދުނު މައްކާއަށް ހިނގައްޖެއެވެ.
ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ރަމަޟާން މަހުގެ ފަހު ދިހައެއްގެ އަޅުކަމަށް އަމާޒުކޮށްގެން ފުރި މި ގްރޫޕުގައި ޖުމްލަ 316 އުމްރާވެރިން ހިމެނެއެވެ. މި އުމްރާވެރިން ދަތުރުކުރި ސައުދީ އެއާލައިންސްގެ ފްލައިޓް ރާއްޖެއިން ފުރާފައި ވަނީ ރާއްޖެ ގަޑިން ރޭ މެންދަމު 02:20 ހާއިރުއެވެ. މި ފްލައިޓް ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 07:54 ގައެވެ.
އުމްރާވެރިންގެ ހާލަތާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ހުރިހާ އުމްރާވެރިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށެވެ. އެއާޕޯޓުގެ ރަސްމިއްޔާތުތަކަށްފަހު، މިހާރު އުމްރާވެރިން ދަނީ ބަހުގައި މައްކާއަށް ދިޔުމަށް ތައްޔާރުވަމުންނެވެ. މަގުމަތީގެ ޓްރެފިކް ހުރި ގޮތުން، ގާތްގަނޑަކަށް ދެ ގަޑިއިރުގެ ދަތުރަކަށްފަހު އުމްރާވެރިންނަށް މައްކާއަށް ފޯރާނެ ކަމަށް ލަފާކުރެވެއެވެ.
މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޖުމްލަ 553 ފަރާތަކުން އުމްރާގެ އަޅުކަން އަދާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ގްރޫޕް ރަމަޟާން މަހުގެ ކުރީކޮޅު ފުރާފައިވާއިރު، މިއަދު ޖިއްދާއަށް ފޯރި ގްރޫޕަކީ މިއަހަރުގެ ރަމަޟާން މަހުގެ އުމްރާއަށް އެ ކޯޕަރޭޝަނުން ފޮނުވި ފަހު ގްރޫޕެވެ.
ސަރުކާރުގެ ކުންފުނި، ހައްޖު ކޯޕަރޭޝަނުން ދަނީ ރަމަޟާން މަހުގެ މި ދުވަސްވަރަކީ ގިނަ އަދަދެއްގެ މީހުން އުމްރާއަށްދާ ދުވަސްވަރަކަށްވާތީ، އުމްރާވެރިންނަށް ބޭނުންވާ އެހީތެރިކަމާއި އިންތިޒާމުތައް ފުރިހަމައަށް ފޯރުކޮށްދެމުންނެވެ.
ގިނަ އަދަދެއްގެ ދިވެހިން ޢުމްރާއަށް ގޮސްފައި މިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށެވެ. މި ރަމަޟާން މަހު އަދިވެސް ދިވެހި އިތުރު ގްރޫޕްތަކުން ޢުމްރާ ދަތުރުތައް ޝެޑިއުލްކޮށްފައި އެބަހުއްޓެވެ.

