މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ކްލިނިކްގެ ހިދުމަތް ދިވެހިންނަށް ދޭން ފަށައިފި
ރާއްޖެ

މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ކްލިނިކްގެ ހިދުމަތް ދިވެހިންނަށް ދޭން ފަށައިފި

އއައިނީ
March 8, 2026

މައްކާއަށް ޒިޔާރަތްކުރާ ހުރިހާ ދިވެހި ހައްޖާޖީންނާއި އުމްރާވެރިންނަށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ގާއިމުކޮށްފައިވާ ކްލިނިކުން ހިދުމަތް ދޭން ފަށައިފިއެވެ.

ހައްޖާއި ޢުމްރާގައި މައްކާގައި އުޅޭ ދިވެހިންނަށް ސިއްހީ ގޮތުން ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ސަރުކާރުންނާއި ޙައްޖު ކޯޕަރޭޝަނުން ނިންމާފައިވާ ވަރަށް މުހިންމު ނިންމުމެކެވެ.

މީގެ ކުރިން މި ކްލިނިކްގެ ޚިދުމަތްތައް މައިގަނޑު ގޮތެއްގައި ހާއްސަވެފައި އޮންނަނީ ހަމައެކަނި އެ ކޯޕަރޭޝަންގެ ހަވާލުގައިދާ ހައްޖާޖީންނާއި އުމްރާވެރިންނަށެވެ. ނަމަވެސް، އަލަށް އެކުލަވާލި އުސޫލުގެ ދަށުން، އަމިއްލަ އެކި ގްރޫޕްތަކުގައި ޙައްޖާއި ޢުމްރާއަށްދާ ދިވެހިންނާއި، އެ ދުވަސްވަރު މައްކާގައި ތިބޭ އެންމެހާ ދިވެހި ރައްޔިތުންނަށް މި ކްލިނިކުން ފަރުވާ ހޯދޭނެ މަގު ވަނީ ހަމަޖައްސައިދީފައެވެ.

ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ކްލިނިކްއަކީ ސައުދީގެ ހެލްތް މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ ކްލިނިކެއް ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގައި ގާއިމުކުރެވިފައިވާ މެޑިކަލް ޕޫލްގައި ރަޖިސްޓްރީވުމުން ދިވެހި ޑޮކްޓަރުންނަށާއި ނަރުހުންނަށް ހައްޖާއި އުމްރާ ދަތުރުތަކުގައި މައްކާއަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.

އެ ކްލިނިކަކީ ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ ކްލިނިކެއް ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. އަދި މި ކްލިނިކް ހިންގުމަށްޓަކައި ސައުދީގެ ނޭޝަނަލް ހޮސްޕިޓަލާއި ޙައްޖު ކޯޕަރޭޝަނާ ދެމެދު ޚާއްސަ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި އިންތިޒާމުގެ ދަށުން، މައްކާގައި ތިބޭ ދިވެހިންނަށް ބޭނުންވާ އަސާސީ ފަރުވާއާއި ބޭހުގެ އެހީތެރިކަން، އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. މިއީ ރާއްޖެއިން ބޭރުގައި ތިބޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު