
ސަރުކާރުގެ މާލެ ޓެކްސީ: ގަވާއިދާ ޚިލާފަށް ބޯޑުނެތި ދުއްވުމުން ތަފާތުކުރުމުގެ ސުވާލު އުފެދިއްޖެ
މާލެޓެކްސީ ގެ ނަމުގައި އެމްޓީސީސީއިން މި ޚިދުމަތް ފެށުނުއިރު މަގުމަތީގައި މި ޓެކްސީތައް ދުއްވާއިރު، ޓްރާންސްޕޯޓް ގަވާއިދާ އެއްގޮތަށް ދިއްލޭ ޓެކްސީ ބޯޑެއް ނެތުމުގެ މައްސަލަ ފެންމަތިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ، ގަވާއިދުތައް ތަންފީޒުކުރުމުގައި ތަފާތުކުރުންތަކެއް ހުރިކަމުގެ ހެއްކެކެވެ.
ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށްޓަކައި އެކުލަވާލާފައިވާ ޓްރާންސްޕޯޓް ގަވާއިދުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޓެކްސީތަކުގައި ދިއްލޭ ބޯޑެއް ހުންނަންވާނެ. މި ގަވާއިދަކީ ޓެކްސީ ދުއްވުމުގެ ހުއްދަ ދޫކުރުމަށްފަހު، އެ އުޅަނދުތައް މަގުމަތީގައި ދުއްވުމުގައި އަމަލުކުރަން ޖެހޭނެ ގަވާއިދެކެވެ. މި ގަވާއިދުގެ މުހިންމުކަމަކީ، ޓެކްސީއެއްކަން ފަސޭހައިން ދެނެގަތުމަށް މަގުފަހިކޮށްދިނުމާއި، ވަކިން ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ސަލާމަތީ ގޮތުން ފަސޭހަކަމާއެކު ދެނެގަތުމަށް މަގުފަހިކޮށްދިނުމެވެ. އަދި މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ކުރުމުގެ އިތުރުން، އުޅަނދު ހިފެހެއްޓުންފަދަ އަދަބުތައް ވެސް ދެވެމުންދެއެވެ. މިއީ މިއަދާއި ހަމައަށް ވެސް އަމަލުކުރަމުން އަންނަ ގަވާއިދެކެވެ.
މާލެ ޓެކްސީގެ އުޅަނދުތަކުގައި ޓްރާންސްޕޯޓް ގަވާއިދުގައި ބަޔާންކޮށްފައިވާ ދިއްލޭ ބޯޑު ނެތި މަގުމަތީގައި ދުއްވަމުންދާކަން ފާހަގަވުމުން، ގިނަ ބަޔަކު ވަނީ މިކަމާ ގުޅިގެން ސުވާލު އުފައްދާފައެވެ. އެމީހުން ދެކޭގޮތުގައި، އެހެނިހެން އަމިއްލަ ޓެކްސީ ޑްރައިވަރުން ބޯޑު ނެތް ނަމަ ޖޫރިމަނާކޮށް އުޅަނދު ހިފަހައްޓާއިރު، ސަރުކާރުގެ މާލެ ޓެކްސީ އުޅަނދުތަކަށް މިކަމުން އިސްތިސްނާ ވާންޖެހޭ ސަބަބެއް ނޯންނާނެއެވެ. މިކަމުގެ ސަބަބުން ގަވާއިދުތައް ތަންފީޒުކުރުމުގައި ތަފާތުކުރުންތަކެއް ހުރިކަމަށް ތުހުމަތުކުރެވެއެވެ. މިފަދަ ތަފާތުކުރުންތަކަކީ ޓްރާންސްޕޯޓް އޮތޯރިޓީއަށާއި ގަވާއިދުތައް އެކުލަވާލާ ފަރާތްތަކަށް އާންމުންގެ އިތުބާރު ގެއްލޭ ކަމެކެވެ. ޚާއްސަކޮށް، ދިވެހިރާއްޖޭގައި ގާނޫނީ ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ކަމަށް ބުނެވޭ އިރު، މިފަދަ ކަންކަމަކީ ގާނޫނުގެ ކުރިމަތީގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ކަމެއް ހުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަންކަމެވެ.
މި މައްސަލަ ހައްލުކުރުމަށް ގިނަ ފަރާތްތަކުން ވަނީ ސަރުކާރަށާއި ޓްރާންސްޕޯޓް އޮތޯރިޓީއަށް ގޮވާލާފައެވެ. ގަވާއިދުތައް ހުރިހާ ފަރާތްތަކަށް ހަމަހަމައަށް ތަންފީޒުކުރުމަކީ އިންސާފުވެރި މުޖުތަމައެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސަރުކާރުން މިކަމުގައި ސާފު ބަޔާނެއް ދީ، މައްސަލަ ދިމާވި ސަބަބުތައް ހާމަކޮށް، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދިނުމަށް ގޮވާލެވެއެވެ. ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވުމަކީ ދަތުރުފަތުރުގެ ދާއިރާގައި ހަމަޖެހުމާއި އިންތިޒާމު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

