2 ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރުފަޅު ބިން ހިއްކަން ފަށައިފި
ރާއްޖެ

2 ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރުފަޅު ބިން ހިއްކަން ފަށައިފި

ރރާޅު މީޑިއާ
February 13, 2026

ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ 2 ޑްރެޖަރާއިއެކު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ގިރާވަރު ފަޅު ހިއްކުމަށް މިހާރު 2 ޑްރެޖަރު ބޭނުންކުރަމުންދާ ކަމަށެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ.

ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެކެވެ. ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެތަނުން 50 ނުވަތަ 54 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ބޮސްކާލިސް ކުންފުންޏާއެވެ.

މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 22ވަނަ ދުވަހު އާންމުކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހިން ހިއްކާފައިވަނީ، 12 ހެކްޓަރުގެ ބިމެވެ. އަދި އެއަށްފަހު ދެވަނަ ފިޔަވަހިން 18 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު 3 ވަނަ ފިޔަވަހީގެ ދަށުން 26 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.

ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގައި ގިރާވަރުފަޅުން ޖުމްލަ ދިނުމަށް ނިންމާފައިވަނީ 4،072 ގޯއްޗެވެ. ގޯތި ލިބޭ މީހުންގެ ގުރުއަތުލުން ބާއްވައި، ގޯތި ލިބުނު ފަރާތްތަކުގެ ހާޒިރުގައި ޕްލޮޓްތައް ކަނޑައަޅައި، ގުރުއަތުން ހޮވޭ ޕްލޮޓް ނަންބަރު ވަނީ ހަވާލުކޮށްފައެވެ.
ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތެރޭގައި:
 1250 އަކަފޫޓުގެ 2605 ގޯތި
 1650 އަކަފޫޓުގެ 1213 ގޯތި
 2050 އަކަފޫޓުގެ 253 ގޯތި
 2450 އަކަފޫޓުގެ 1 ގޯތި

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު