
ހަތަރު މިލިއަން ރުފިޔާގެ ވައްކަން: އިތުރު މީހަކު ހައްޔަރުކޮށްފި
މާލޭ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމެންޓަކުން ވައްކަން ކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ނަލަހިޔާގެ އެޕާޓްމެންޓަކު 4 މިލިއަން ރުފިޔާގެ ވައްކަމެއްކޮށްފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހުގެ 17:49 އެހާކަންހާއިރުއެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ތަހުގީގެއް ފަށާފައިވާއިރު، މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ 4 މީހުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި މިމަހުގެ 16 ވަނަ ދުވަހު އިތުރު އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ޖާޒީލާމަންޒިލް، ޖަޒީލު މުޙައްމަދު (47އ) ކަމަށާއި އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ވައްކަމުގައި ޖުމުލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާއިރު، އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ.

