އެފްއޭއެމްގެ ކުރީގެ ފިނޭންސް ހެޑް އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ރާއްޖެ

އެފްއޭއެމްގެ ކުރީގެ ފިނޭންސް ހެޑް އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރރާޅު މީޑިއާ
March 1, 2026

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އެ އިދާރާގެ ފިނޭންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. 

އަގީލް ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައިވަނީ އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ތައިލެންޑް ފުލުހުންނާއި ގުޅިގެން ކުރި މަސައްކަތުން އަގީލް ބެންކޮކުގައި ހުއްޓާ ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. 

އަގީލް ރާއްޖެ ގެނެސްފައިވަނީ ފެބްރުއަީ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި 22 ވަނަ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

މުހައްމަދު އަގީލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ އޭނާގެ މައްޗަށް ކުރީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމިން އެވެނިއުގެ ލަގްޒަރީ އެޕާޓްމަންޓެއް ގަތުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކުރި މައްސަލައިގައި އެ ފައިސާ މަނީ ލޯންޑާކުރުމަށް އެހީތެރިވެދީފައިވާތީ އެވެ.

މި މައްސަލައިގައި ހިމެނޭ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރި ދައުވާތަކެއް ސާބިތުވެ ވަނީ 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވާފަ އެވެ. 

ޚިޔާލުފާޅުކުރުން

ކޮމެންޓު