ފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފި
ރާއްޖެ

ފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފި

އއައިނީ
March 26, 2026

‏ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، މޯލްޑިވްސް ޒަކާތު ހައުސްއިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 5 ލައްކަ ރުފިޔާ، ފަލަޞްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާ އެސޯސިއޭޝަން މޯލްޑިވްސް އާއި ޒަކާތު ހައުސްގެ ފަރާތުން ވަނީ ހަވާލު ކޮށްފައެވެ.

މި ފައިސާއިން ވަނީ ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ޕެކް ބަހާފައެވެ. މި ޕެކްގައި އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތައް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ހަނޑޫ، ކައްކާ ތެޔޮ، އަދި ކާތަކެތި ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ދަޅު ހިމެނެއެވެ.

އިސްރާ އެސޯސިއޭޝަން މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމެވެ. ޚާއްސަކޮށް ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. ފާއިތުވި 3 އަހަރާ އަޅާބަލާއިރު އެންމެ ގިނައިން ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވަނީ މިއަހަރެވެ.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައި ނިމިފައިވާއިރު، މިއަހަރު ބަހާފައިވަނީ ބޮލަކަށް 6,000 ރުފިޔާގެ މަގުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު