ފަހި ފްލެޓުތަކުގެ ކުލި ކުޑަކޮށްދީ، ޑައުންޕޭމަންޓު އުނިކޮށް، ކުލި އަހަރަކަށް ފަސްކޮށްދޭން ގޮވާލައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން އަޅާފައިވާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށާއި، އެ ފްލެޓުތަކުގެ ވެރިން އަތުން ނަގާފައިވާ ޑައުންޕޭމަންޓު އުނިކުރުމަށް ފަހު ކުލި ނެގުން އެއް އަހަރަށް ފަސް ކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ޔޫނިއަނުން މި ގޮތަށް ގޮވާލީ އެޕްރީލް ހަތަރެއްގައި އޮންނަ އާންމު އިންތިހާބުތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރިއަށް އޮތް ދެ އަހަރު ވަންދެން ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ބަދަލުކޮށްފައި ވަނިކޮށެވެ.
މިއަދު ނެރުނު ބަޔާނުގައި ފަހި ޔޫނިއަންނުން ބުނެފައިވަނީ ކުރީ ސަރުކާރުގައި ކަނޑައަޅާފައި އޮތް ގޮތަށް ކުލި ނެގުމަށް ގޮވާލާފަ އެވެ. އެގޮތުން، މެއިންޓަނަންސް ފީ ހިމަނައިގެން ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަކީ 6،000 ރުފިޔާ ކަމަށްވާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔެއްގެ ގޮތުގައި އެ ސަރުކާރުން ކަނޑައެޅީ 8،000 ރުފިޔާ އެވެ.
މި ސަރުކާރުން ކުލީގެ އެއްބަސްވުން ހެދިއިރު ކަނޑައަޅާފައިވާ ކުއްޔަކީ ދެ ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސްފީ އާއިއެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފުލެޓެއްގެ އަގު މެއިންޓަނަންސްފީ އާއިއެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 10،000 ރުފިޔާ ކަމަށް ފަހި ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އެ އެޕާޓްމަންޓުތަކަށް ނަގާފައިވާ ޑައުންޕޭމަންޓު އުނިކޮށްދިނުމަށާއި މިހާރު ދީފައިވާ ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް (ކުލި ދައްކަން ނުޖެހޭ މުއްދަތު) ތިން މަހުން ހަ މަހަށް ނުވަތަ އެއް އަހަރަށް ބަދަލުކޮށްދިނުމަށް ވަނީ ގޮވާލާފަ އެވެ.
ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000 ރުފިޔާ ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000 ރުފިޔާ އެވެ.
އެހެނިހެން ސޯޝަލް ހައުސިންގ ޔުނިޓް ތަކެކޭ އެއްފަދައިން މި 4000 ފުލެޓްގެ އެއްބަސްވުން 'ގަނެވިއްކުމުގެ' އެއްބަސްވުމަކަށް ބަދަލުކޮށްދެއްވުމަށް އެދި ގޮވާލަން، އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ގޮތަށް ޔޫނިއަނުން ގޮވާލީ މި ސަރުކާރުން ފްލެޓު ތަކަށް ދޫކޮށްފައިވަނީ ކުލީގެ އެއްބަސްވުމެއް ކަމުން ފްލެޓު ލިބުނު އާއިލާތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ނުހެދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން އަންގާފައިވުމުންނެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރުދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ.
އާންމު އިންތިހާބަށް ހަތަރު ދުވަސް އޮއްވައި ސަރުކާރުން މިފަދަ ބޮޑު ލުޔެއް ހިޔާ ފްލެޓުތަކަށް ދިނުމުން އާންމުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެޗްޑީސީން މިކަން ކޮށްފައި ވަނީ ރައީސް މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ހަދައިގެންނެވެ.
އެޗްޑީސީން ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރާނެ ގޮތުގެ ތަފްސީލް ހާމަކޮށް، ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާ ވަނީ ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000 ރުފިޔާގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އެޗްޑީސީން ބުނީ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު ހަމަކުރުމަށް، ކުރިއަށްއޮތް ދެއަހަރުވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް މެއިންޓައިނަންސްފީގެ ގޮތުގައި ކޮންމެ މަހަކުވެސް 1،000ރުފިޔާ ދައްކަންޖެހޭނެކަމަށެވެ.
އެޗްޑީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ އަދަދު އުނިކުރުމަށްފަހު ފްލެޓުގެ ބާކީވާ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނެތްނަމަ، ޑިސްކައުންޓަށްވާ ބައި، މަހަކު 5،300 ރުފިޔާގެ މަގުން ހަމަވަންދެން ކުލި ދައްކާކަށް ނުޖެހޭނެއެވެ. މި ބަދަލާއެކު، ހިޔާ ފްލެޓްތަކުގެ ކުލި ދެން ދައްކަން ފަށަން ޖެހޭނީ 1 މެއި 2028 ގައެވެ.

