އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި އަށް މީހަކަށް ދައުވާކޮށްފި
ރާއްޖެ

އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި އަށް މީހަކަށް ދައުވާކޮށްފި

އއައިނީ
March 12, 2026

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ބުނީ މި މައްސަލައިގައި ދެ ދުވަހެއްގެ މަތިން 8 މީހަކަށް ދައުވާކޮށްފައިވާ ކަމަށެވެ. އެ ގޮތުން މި މައްސަލައިގައި ދައުވާތައް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ 8 އަދި 26 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި މަގުބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލްގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.

ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވާ މީހުންނަކީ:

  • ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (ގއ. ވިލިނގިލި)

  • 2. ޙުސައިން ޝަހުދު (ކ. ގުރައިދޫ)

  • 3. މާޒިން މޫސާ (ލ. މާވައް)

  • 4. އަޙްމަދު ރައިހާން ނަޢީމް (މ. ކޯރަސް)

  • 5. އިބްރާހީމް އަނޫފް (ކ. ގުރައިދޫ)

  • 6. އިސްމާޢީލް ސިރްހާން (ރ. މަޑުއްވަރި)

މީގެ އިތުރުން، މި އަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު