
ސިޔާސީ މުވައްޒަފުންގެ އަދަދު ދެގުނައަށް ކުޑަކުރުމުގެ މަސައްކަތް ފަށަނީ: ޕާފޯމަންސް ރިޕޯޓުތައް ހުށަހެޅުމަށް އެދިއްޖެ
މިސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ދެގުނައަށް މަދުކުރުމަށް ތައްޔާރުވަމުންދާ ކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ. މިކަމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، މިހާރުވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ޕާފޯމަންސް ރިޕޯޓުތައް ހުށަހެޅުމަށް އަންގާފައިވާ ކަމަށްވެސް އެނގިފައިވެއެވެ.
ރާޅުމީޑިއާ އަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކުގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު މިހާރު ހުރި އަދަދަށްވުރެ ދެގުނައަށް މަދުކުރުމުގެ ރޭވުމެއް ސަރުކާރުން އެކުލަވާލާފައިވެއެވެ. ސަރުކާރުގެ ތެރޭގައި އެކި މަގާމުތަކުގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވުމަކީ ދައުލަތަށް ކުރާ ހަރަދު ބޮޑުވެ، އިދާރީ ހިންގުމުގައި ބައެއް ފަހަރު ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބެލެވެއެވެ.
މިފަދަ ބޮޑު ބަދަލެއް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، މިހާރު މަގާމުތަކުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން ހިމެނެއެވެ. ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިހާރުވެސް މިފަދަ މުވައްޒަފުންގެ ޕާފޯމަންސް ރިޕޯޓުތައް ހުށަހެޅުމަށް އަންގާފައިވާ ކަމަށްވެއެވެ. މިއީ މަގާމުތައް މަދުކުރަން ޖެހޭ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ގޮތެއްގައި މިކަން ހިންގުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ބެލެވެއެވެ. މިމަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި މަގާމުތަކުން ވަކިކުރުމުގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށް މައުލޫމާތު ދޭ ފަރާތްތަކުން ބުނެއެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ނިންމި ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއި، އިދާރީ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ. ކުރީގެ ސަރުކާރުތަކުގައި ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހި، މަސައްކަތުގެ ހަރުފަތްތައް އިތުރުވެ، ނަތީޖާއެއްގެ ގޮތުން ކަންކަން ހިންގުމުގައި ލަސްވުންތަކާއި ފުށުއެރުންތައް ދިމާވާ ކަމަށް ބުނެއެވެ. އެހެންކަމުން، މިފަދަ ފިޔަވަޅުތަކަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށް ބެލެވެއެވެ.
ނަމަވެސް ސަރުކާރުން މި ދަނޑިވަޅުގައި އެކަން ކުރަން ނިންމުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާނެ ކަމެކެވެ. ސަބަބަކީ މި ދައުރުގެ ތެރޭގައި ނެގޭނެ އެންމެ ފަހު އިންތިހާބު ނިމި 24 ގަޑިއިރުނުވެ ގިނަ މަގާމުތަކަކުން ގިނަބަޔަކު މިހާރު ވަކިކޮށްފައި ވާއިރު އަދިވެސް އިތުރު ވަޒީފާތަކުގަ ތިބި އެތައް ސަތޭކަ ބަޔަކު ވަކިކުރާނެ ކަމުގެ އިންޒާރު ނުސީދާކޮށް ލިބިފައި ވުމެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ސަރުކާރު ނިޔަތް ރަނގަޅުނަމަ އިންތިހާބުތަކާ ދިމާކޮށް ތި އެންމެނަށް ވަޒީފާ ނުދިނީހެވެ. އަދި ހުރިހާ އިންތިހާބުތަކެއް ނިމޭ ދުވަހު އެ މުވައްޒަފުން ވަކިކުރަން ފޫގަޅައިގެން ނުނިކުތީހެވެ. މިނިންމުމުގެ ސަބަބުން އެތައް ސަތޭކަ މުވައްޒަފުންނަށް މަގާމު ގެއްލޭނެއެވެ

