
ޗައިނާއިން ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުގެ ހުއްދަ ދީފި: މެއި މަހު 500،000 ޓަނު އެކްސްޕޯޓްކުރަނީ
ޗައިނާއިން ރާއްޖެއަށް ތެޔޮ އެކްސްޕޯޓްކުރަން ހުއްދަ ދީފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފި އެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމު ކަމަށްވާ ޗައިނާއިން، މެއި މަހު ތެޔޮ އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރަން ނިންމާފައިވާއިރު، ހޮންކޮންގްގެ އިތުރުން ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް އެހެން ސަރަހައްދުތަކަށް ވެސް ތެޔޮ ވިއްކާނެ ކަމަށް މިކަމާ ގުޅޭގޮތުން މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވެ އެވެ.
ރޮއިޓާސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ޗައިނާއިން އަންނަ މަހު 500،000 މެޓްރިކް ޓަނުގެ ތެޔޮ އެކްސްޕޯޓުކުރުމަށް ވަނީ ހުއްދަ ދީފަ އެވެ. މި އަދަދު އޭޕްރީލް މަހު ވޯ ޓެކްސް ކުންފުނިން ލަފާކޮށްފައިވާ 320،000 ޓަނުގެ އަދަދާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ އެވްރެޖަށް ވުރެ ދަށް އަދަދެކެވެ.
ހުއްދަ ދިން 500،000 ޓަނުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ލިބިފައިވަނީ އެންމެ ބޮޑު ރިފައިނަރީ ކަމަށްވާ ސިނޮޕެކް އަށެވެ. އަދި ޕެޓްރޯޗައި އަށް 150،000 ޓަނު އަދި ސީއެންއޯއޯސީ އަށް 40،000 ޓަނު ފޮނުވުމުގެ ހުއްދަ ދީފައިވާ ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ ދެ ފަރާތުގެ ތެރެއިން އެއް ފަރާތަކުންނާއި އިންޑަސްޓްރީގެ ވަކި ދެ މަސްދަރަކުން ރޮއިޓާސް އަށް މައުލޫމާތު ދީފައިވެ އެވެ. މި އެކްސްޕޯޓުގެ މަދުވެގެން 40 ޕަސެންޓް ހިއްސާކުރާނީ ޑީސަލާއި ޖެޓް ފިއުލް ކަމަށް ވެސް އެއް ފަރާތަކުން ބުނެފައިވެ އެވެ.
މީގެ ކުރިން ޗައިނާއިން އޮތީ ތެޔޮ އެކްސްޕޯޓްކުރުން މަދުކޮށްފަ އެވެ. އެގޮތުން، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުވެ، ތެލުގެ ސަޕްލައިއަށް ދިމާވި މައްސަލަތަކުން ގައުމުގެ އެތެރޭގެ މާކެޓު ރައްކާތެރިކުރުމުގެ ގޮތުން ޗައިނާއިން މިފަދަ ނިންމުމެއް ނަގައިފައި ވެއެވެ.
މިފަހަރު ޗައިނާއިން ތެޔޮ ފޯރުކޮށްދޭން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، މިޔަންމާ، ކެމްބޯޑިއާ، ލާއޯސް އަދި އޮސްޓްރޭލިއާ ހިމެނޭ ކަމަށް ރޮއިޓާސް އިން ބުންޏެވެ. ކެޕްލާ ކުންފުނީގެ ޝިޕިންގް މައުލޫމާތުތަކުން ދައްކާ ގޮތުގައި، ހޮންކޮންގު ފިޔަވައި އެހެން ސަރަހައްދުތަކަށް ޗައިނާއިން މަހެއްގެ މައްޗަށް އެވްރެޖުކޮށް 1.6 މިލިއަން ޓަނުގެ ޕެޓްރޯލާއި، ޖެޓް ފިއުލް އަދި ޑީސަލް އެކްސްޕޯޓުކުރެ އެވެ.
ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ކުޑަކޮށް އިތުރުކުރީ، ޗައިނާގެ އެތެރޭގައި ތެލުގެ އަގު ހިފެހެއްޓިފައި ހުރުމުން، އަގު ބޮޑު ތެލުން ލިބޭ ފައިދާ ކުންފުނިތަކަށް ދަށްވެފައި ވާތީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު ފައިދާ ހޯދުމުގެ ފުރުސަތު ދިނުމަށް ދައުލަތުގެ ރިފައިނަރީތަކުން ބާރުއެޅުމުން ކަމަށްވެ އެވެ. ނަމަވެސް، މި މައުލޫމާތު ހާމަކޮށްފައިވާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ޗައިނާ ސަރުކާރުން ވަނީ އެކްސްޕޯޓްކުރާނެ ގައުމުތަކާއި މިންވަރު ވެސް ކަނޑައަޅައިފަ އެވެ.
ނެތް
މިކަމާ ގުޅިގެން ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނާއި މިނިސްޓްރީ އޮފް ކޮމާސް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޗައިނާއިން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު އިތުރުކޮށް ރާއްޖެއަށް ވެސް ތެޔޮ ފޯރުކޮށްދިނުމުގެ ނިންމުމަކީ، ގައުމުގެ އެތެރޭގެ ތެލުގެ މާކެޓަށް ބަދަލުތަކެއް އައިސްފައިވާކަން ހާމަވާ ކަމެކެވެ. މީގެ ސަބަބުން ރާއްޖެއާއި އެހެނިހެން ގައުމުތަކަށް ތެލުގެ ސަޕްލައި އިތުރުވެ، ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުމުގެ ފުރުސަތު އެބަ އޮތެވެ.



