
މުލަ ރޯދަ ދުވަސް ފިޔަވާ ކޮންމެ ރެޔަކު މަސްދަޅު ކޭސް ދޫކުރާނެ: ވަޒީރު އާދަމް ޝަރީފް
ސަރުކާރުން ދޫކުރަމުންދާ ރޯދަ ހަދިޔާ މަސްދަޅު ކޭސް މުލަ ރޯދަ ދުވަހާއި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު މާލޭ ސަރަހައްދުގައި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒަރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެކި ސަބަބުތަކާ ހުރެ މަސްދަޅު ކޭސް ނުލިބި ތިބި މާލޭ ސަރަހައްދުގެ ފަރާތްތަކަށް ދޫކުރުން ހަމަޖެހިފައިވާ ވަގުތުތަކަކީ، މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން 11:00 އަށެވެ.
ވަޒީރު ވިދާޅުވީ، މި ހިނގާ 1447 ވަނައަހަރުގެ ރަމަޟާންމަހާ ގުޅިގެން ސަރުކާރުން ދޫކުރަމުންދާ ރޯދަ ހަދިޔާގެ މަސްދަޅުކޭސް، މާލޭ ސަރަހައްދުގައި އެކިސަބަބުތަކާހުރެ ނުލިބިވާ ފަރާތްތަކަށް ދޫކުރުން މުލަރޯދަ ދުވަހާއި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު ކުރިއަށް ދާނެކަމަށެވެ.
މާލޭގައި މަސްދަޅުކޭސް ދޫކުރާނީ އެމްސީއެލްޕީގެ ޕަބްލިކްވަރކްސް ފެންޑާ (މާފަންނު ޓރެކްދަނޑު ކައިރި) ގައި، އަދި ހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ، ފޭސް 1 އާއި ފޭސް 2 ގައި ހުން މިފްކޯ މަސްފިހާރަ ތަކުންނެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް އެ ވުޒާރާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.
ކޮންމެ ރަމަޟާން މަހަކު ރޯދަ ހަދިޔާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ މަސްދަޅުކޭހެކެވެ.

