މަސްދަޅު ކޭސް ދޫކުރުން ރޯދަ މަހު 15 ވަނަ ދުވަހާ ހަމަޔަށް
ރާއްޖެ

މަސްދަޅު ކޭސް ދޫކުރުން ރޯދަ މަހު 15 ވަނަ ދުވަހާ ހަމަޔަށް

އއައިނީ
February 25, 2026

ރޯދަ ހަދިޔާގެ ގޮތުގައިސަރުކާރުން ދޫކުރާ މަސްދަޅު ކޭސް ދޫކުރާނީ ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މި ރަމަޟާންމަހު ވެސް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް މަސްދަޅު ކޭސްތައް ދޫކުރާނީ ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް، ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މާލެ ސަރަޙައްދުގައި ބަހަން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ގައެވެ. މާލެ ސަރަޙައްދުގައި 15 މަރުކަޒުން މަސްދަޅު ކޭސް މި ހިނގާ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ދޫކުރިއެވެ.

ވަޒީރު ވިދާޅުވީ ރޯދަ ހަދިޔާގެ މަސްދަޅު ކޭސް، މާލޭ ސަރަޙައްދުގައި މިހާރު ދޫކުރަމުންދާ އެމްސީއެލްޕީގެ ޕަބްލިކް ވަރކްސްއާއި، ހުޅުމާލޭ ފޭސް 1 އާއި އަދި ފޭސް 2 ގެ މިފްކޯގެ ފިހާރައިން ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރަމުންދާނެ ކަމަށެވެ.

މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118،773 ގޭބީސީއަކަށެއެވެ. އެއީ މާލޭގެ 61،755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56،918 ގޭބީސީއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު