ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށައިފި
އަންނަ އޭޕްރިލް މަހުގެ ހަތަރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށައިފިއެވެ.
މި އިންތިހާބާއި ގުޅޭ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރަން ފެށީ މިއަދެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފައިނަލް ރަޖިސްޓްރީގައި ސޮއި ކުރުން ކުރިއަށް ދާނެއެވެ.
އެ ލިސްޓުގައި ސޮއި ކުރަން ފެށީ މިއަދު ހެނދުނު 10:00 ގައެވެ. އަދި ސޮއި ކުރުމުގެ ކަންކަން އެ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 މެންދުރުފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒުގައި ކުރިއަށްދާނެއެވެ.
ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން އަންނަނަމަ، އެކަން ބަޔާންކޮށް ބަދަލުގައި އަންނަ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދ ރަޖިސްޓަރީގައި ސޮއިކުރަން އަންނަ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެޕްރީލް މަހުގެ 4 ވަނަ ދުވަހު 3 ވޯޓެއް ނަގާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ. ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ.

