ލަންކާގައި ދިވެހިންނަށް ވިޔަފާރީގެ ދޮރު ބަންދު، ރާއްޖޭގައި ތަންމިނަށް ވަގުވިޔަފާރިތަކަށްވެސް ލަންކާ އަދި ބަންގާޅުންނަށް ދޮރުހުޅުވިފައި
ވިޔަފާރި

ލަންކާގައި ދިވެހިންނަށް ވިޔަފާރީގެ ދޮރު ބަންދު، ރާއްޖޭގައި ތަންމިނަށް ވަގުވިޔަފާރިތަކަށްވެސް ލަންކާ އަދި ބަންގާޅުންނަށް ދޮރުހުޅުވިފައި

ނނާޒިމް
May 26, 2026

ރާއްޖޭގައި ލަންކާ މީހުންނަށް ވިޔަފާރީގެ އެކި ދޮރުތައް ހުޅުވިފައިވީ ނަމަވެސް، ދިވެހިންނަށް ލަންކާގައި ވިޔަފާރިއެއް ހިންގުމަކީ ގިނަ ހުރަސްތަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. ޚާއްސަކޮށް، ލަންކާ މީހަކާ އިނދެގެން އެމީހާގެ ނަމުގައި ވިޔަފާރިއެއް ފެށިޔަސް، އެ ވިޔަފާރިއަށް އެ ގައުމުން ވަރަށް ބޮޑަށް ދަތިކުރެއެވެ. މިކަން މިފަހުން ހިނގި ހާދިސާއަކުން ވަނީ ފަޅާ އަރާފައެވެ.

ކޮލޮމްބޯ އަންހެނަކާއި އިނދެގެން އުޅޭ ދިވެއްސަކު ލަންކާގައި މަސްފިހާރައެއް ހުޅުވައި، މަސް ވިއްކަން ފެށިއެވެ. އުސޫލުގެ ތެރެއިން މި ވިޔަފާރި ފަށާފައިވަނީ އޭނާގެ އަނބިމީހާގެ ނަމުގައެވެ. ދިވެހިންނަށް ލަންކާގައި މަސްފިހާރައެއް ނުވަތަ އެނޫން ވިޔަފާރިއެއް ފެށުމަށް ހުއްދަ ނުލިބޭނެތީ، މިގޮތަށް ކަންކުރީ އުސޫލުތަކާ އެއްގޮތަށް ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކޮށެވެ. އޭނާގެ ބޭނުމަކީ ލަންކާ މާކެޓަށް ދިވެހި މަހުގެ ބާވަތްތައް ތައާރަފުކޮށް، ދިވެހި ވިޔަފާރިއެއް އެ ގައުމުގައި ހިންގުމެވެ.

ވިޔަފާރި ހުޅުވިތާ ހަފްތާއެއް ނުވަނީސް، އެ ފިހާރަ އެ ސަރަހައްދުގައި މަޝްހޫރުވެ، ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. އެހެން ނަމަވެސް، މި ފިހާރައަށް ތަފާތު އެހެން ކަމެއް ފާހަގަވާން ފެށިއެވެ. ޕެޓްރޯލް ކުރަން އުޅޭ ފުލުހުން ކޮންމެ ދުވަހަކު ވެސް އެތަނަށް ވަދެއެވެ. އެމީހުން އަހާ ސުވާލަކީ "މިތަނުގެ ވެރިމީހާ ކޮބައި ހެއްޔެވެ؟" މި ސުވާލަށް ޖަވާބު ދެނީ ފިހާރައިގެ ވެރިމީހާ އަކީ ތިމަންނައޭ ބުނެ، ލަންކާ އަންހެންމީހާ އޭނާ އަށް ދީފައި އޮންނަ ވިޔަފާރި ހުއްދަ ފުލުހުންނަށް ދައްކައެވެ. އެއަށްފަހު، ފުލުހުން އެ ހުއްދައިގެ ފޮޓޯއާއި އެތަނުގައި ހުންނަ ދިވެހި ހިކިމަހުގެ ފޮޓޯތައްވެސް ނަގައެވެ. ބައެއް ދުވަސްދުވަހު، ވިޔަފާރީގެ އަސްލު އިންވެސްޓަރު ކަމަށްވާ ދިވެހި މީހާ ވެސް ފިހާރައިގެ ތެރޭގައި ހުންނައިރު، ފުލުހުންގެ މި އަމަލުތަކަކީ ހަމަ އެކަނި ޕެޓްރޯލް ކުރުން ނޫން ކަމަށް ބެލެވެއެވެ.

ލަންކާ، އިންޑިއާ، ބަނގުލަދޭސް ، އިންޑޮނޭޝިއާ އަދި ޕާކިސްތާނު ފަދަ ގައުމުތަކުގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި، އެތަނެއްގެ ރައްޔިތުންނަށް ވުރެ ބިދޭސީން ގަދަވެގެން ނުވާނެއެވެ. ވިޔަފާރީގެ ދާއިރާގައި އެ ގައުމުތަކުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަކަށް ވެސް މިއީ އެއް ސަބަބެވެ. ލަންކާގައި ވިޔަފާރިކުރަން މަސައްކަތްކުރާ ދިވެހިންނަށް ވެސް މި ވިސްނުމުގެ ސަބަބުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ލަންކާ މީހުން ގަބޫލުކުރާ ގޮތުގައި، އެ ގައުމުގައި ފިހާރަތަކާއި ކެފޭ ފަދަ ތަންތަން ހުޅުވޭނީ ހަމައެކަނި ލަންކާ މީހުންނަށެވެ. އެހެންކަމުން، ބިދޭސީއަކު ލަންކާ މީހެއްގެ ނަމުގައި ވިޔަސް ވިޔަފާރިއެއް ފަށައިގެން އުޅޭ ނަމަ، އެ ތަނަކަށް ލަންކާގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ނުހޮރޮއްޕާން އައިސް، ފިއްތުންތައް ކުރިމަތިކުރުވަ އެވެ.

މިފަދަ ހާލަތެއް ދިވެހި މަސްފިހާރައަށް ވެސް ދިމާވިއެވެ. ފިއްތުންތަކާއި ބިރުދެއްކުންތައް އިތުރުވަމުން ދިޔައެވެ. "އެތަން ބަންދުކުރާށޭ" ބުނެ އިންޒާރުތައް ދިނެވެ. އެންމެ ފަހުން، ވިޔަފާރިއަށް ގެއްލުންދީ، ފިހާރައިގެ މުދަލުގައި ހުޅުޖެހުމާ ހަމައަށް ވެސް ކަންކަން ދިޔައެވެ. މި ހާދިސާ އަކީ ލަންކާގައި ދިވެހިންނަށް ވިޔަފާރިކުރަން އޮތް ގޮންޖެހުންތަކުގެ ހެއްކެކެވެ. ލަންކާ މީހަކާ އިނދެގެން އުޅުނަސް، ދިވެއްސަކަށް ލަންކާގައި ވިޔަފާރިއެއް ހިންގުމަކީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި މިހާރު ފާހަގަވެއެވެ. އެ ގައުމުގެ މީހަކާއި އިނދެގެން އެމީހާގެ ނަމުގައި ވިޔަފާރިއެއް ހިންގަން މަސައްކަތްކުރިޔަސް އެ ފުރުސަތު ނުދޭނެއެވެ.

މިކަމުން ދައްކުވައިދެނީ ރާއްޖެއާއި ލަންކާ އާ ދެމެދު ވިޔަފާރީގެ މުއާމަލާތްތަކުގައި ހުރި ކޮޅުނެތް ތަފާތެވެ. ލަންކާ މީހުންނަށް ރާއްޖޭގައި އެމީހުން ބޭނުން ވިޔަފާރިއެއް ފަށައި ހިންގުމުގެ ފުރުސަތު ފުޅަލަށް ހުޅުވިފައިވާއިރު، ދިވެހިންނަށް ލަންކާގައި ވިޔަފާރިއެއް ފެށުމަށް ހުރަސްތައް ދިމާވެ، ސަލާމަތީ ގޮތުން ވެސް ރައްކާތެރިކަމެއް ނެތެވެ. މިފަދަ މައްސަލަތައް ހައްލުކޮށް، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާގައި ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރުން މުހިއްމެވެ. ނޫންނަމަ، ދިވެހި ވިޔަފާރިވެރިންނަށް އަބަދުވެސް ލަންކާގައި މިފަދަ ދަތިތަކާ ކުރިމަތިލާންޖެހޭނެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު