ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި
ވިޔަފާރި

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

ރރާޅު މީޑިއާ
February 1, 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއީ ބޭންކިންގް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ގާއިމުކުރުމަށާއި އަތޮޅުތަކުގެ އިގްތިސާދީ ކުރިއެރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

‎އާ ބްރާންޗް ހުޅުވާފައި ވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރުއާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

‎އަލަށް ބިނާކުރި މި ބްރާންޗް ހުޅުވުމާއެކު ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗްގެ މަސައްކަތްތައް އާ ބްރާންޗަށް ބަދަލުކުރެވުގެންދާނެ އެވެ. މީގެ ސަބަބުން ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ އިތުރުވަމުންދާ ބޭންކިންގް ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ އެވެ.

‎ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކުޑަހުވަދޫގައި ހުޅުވުނު އާ ބްރާންޗަކީ ރަށްތަކުގެ އިންފްރާސްޓްރަކްޗަރއަށް ކުރާ އިންވެސްޓްމަންޓާއި، ޒަމާނީ ބޭންކިންގް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތައް ދައްކުވައިދޭ ކަމެއް ކަމަށެވެ. "މި ޕޭޕަރލެސް ބްރާންޗުން ޚިދުމަތްތައް ދޭނީ ޑިޖިޓަލްކޮށް. މީގެ ސަބަބުން ކަސްޓަމަރުންނަށް ބޭންކިންގް ޚިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަކަމާއި ހަލުވިކަން ލިބިގެންދާނެ. މި ބްރާންޗުގެ ސަބަބުން މި ސަރަހައްދުގެ އާންމު ފަރުދުންނާއި، އާއިލާތަކާއި ވިޔަފާރިތަކަށް ޚިދުމަތް ދިނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ."

‎މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 12 ބްރާންޗެއް ހުޅުވުމަށް ބޭންކުން ވަނީ ނިންމައިފައި ކަަމަށް ބީއެމްއެލްއިން ބުންޏެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު