ބީއެމްއެލް އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި
ވިޔަފާރި

ބީއެމްއެލް އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

ރރިޒްނާ ޒަރީރު
April 9, 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) އާއި ގުޅިގެން އެންމެން ޝާމިލުވާ ކުޅިވަރުގެ މާހައުލެއް ބިނާކުރުމަށް ޕާޓްނަރޝިޕެއް ގާއިމުކޮށްފި އެވެ.

މިއީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށާއި، ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ 500 އަށްވުރެ ގިނަ އެތުލީޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކާއި، ސިއްހީ ހަރަކާތްތަކާއި، އާއިލީ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ލީޑަރޝިޕް ޕްރޮގްރާމްތަކަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކަށްވެސް މި ޕާޓްނަރޝިޕްގެ ދަށުން އެއްބާރުލުން ދިނުމަށް ވަނީ ނިންމާފައި ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ދުނިޔޭގެ ސްޕެޝަލް އޮލިމްޕިކްސް ހަރަކާތުގެ ރާއްޖޭގެ ގޮފި ކަމަށްވާއިރު، އެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ އިންޓެލެކްޗްއަލް ޑިސްއެބިލިޓީސް ހުންނަ ކުދިންނާއި ޒުވާނުން ބާރުވެރިކުރުވުމެވެ. އެގޮތުން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ކުޅިވަރު ތަމްރީނުތަކާއި މުބާރާތްތަކުގެ ޒަރީއާއިން އެތުލީޓުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށާއި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދެ އެވެ.

އަދި މުޖުތަމައުގައި އެފަދަ ފަރާތްތައް ބަލައިގަތުމާއި، އިހުތިރާމް ހޯދައިދިނުމުގެ އިތުރުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް އެ ޖަމިއްޔާގެ މުހިންމު އަމާޒެކެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ގައުމީ ފެންވަރުގައި ހިންގާ އެކި ހަރަކާތްތަކާއި، ޕާޓްނަރޝިޕްތަކުގެ ޒަރީއާއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު