ބ. ހުޅުދޫގައި ވެލާ ފެޅި މައްސަލަ: ކެންދޫ ބަޔަކަށް ތުހުމަތު، ފުލުހުންގެ ރިޕޯޓު އީއާރުއޭ އަށް
ރާއްޖެ

ބ. ހުޅުދޫގައި ވެލާ ފެޅި މައްސަލަ: ކެންދޫ ބަޔަކަށް ތުހުމަތު، ފުލުހުންގެ ރިޕޯޓު އީއާރުއޭ އަށް

ނނާޒިމް
April 19, 2026

ބ. އަތޮޅު ހުޅުދޫގައި ވެލާ ފެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ. މި މައްސަލައިގައި ތުހުމަތުކުރެވެނީ ކެންދޫ ބަޔަކަށެވެ. މީގެ ކުރިން ވެސް ކެންދޫގެ ބަޔަކު ވެލާ ފެޅި މައްސަލައެއް ފެންމަތިވެފައިވާތީ، މިއީ އެފަދަ ދެވަނަ މައްސަލައެވެ.

ފުލުހުން "ރާޅުއެމްވީ" އަށް މިއަދު ދިން މައުލޫމާތުގައި ބުނީ، ހުޅުދޫގައި ބަޔަކު ވެލާ ފެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުގެ ފަރާތުން މި މަހުގެ 11 ވަނަ ދުވަހު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ހުޅުދޫ އަކީ ބ. އަތޮޅުގައި އޮންނަ ފަޅުރަށެކެވެ. މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމަށް ފަހު، އެ މައްސަލަ ވަނީ ތަހުގީގުކުރުމަށް ފަށާފަ އެވެ.

ފުލުހުންގެ ތަހުގީގަށް ފަހު، އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި، ފުލުހުންގެ ތަހުގީގު ރިޕޯޓު މިހާރު އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، މި މައްސަލައިގައި ހިމެނޭ މީހުންގެ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި، ވެލާ ފެޅި ކަމަށް ތުހުމަތުކުރެވެނީ ކެންދޫ ބަޔަކަށެވެ.

އީއާރުއޭގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު މިއަދު ވިދާޅުވީ، ހުޅުދޫގައި ބަޔަކު ވެލާ ފެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރުމަށް ފަހު، ތަހުގީގީ ރިޕޯޓް ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ އޮފީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ކަމަށެވެ. އަދި، ބަޔޮސްފިޔާ ރިޒާވްގެ އޮފީހުން އެ ރިޕޯޓް އީއާރުއޭ އަށް މިއަދު ހުށަހެޅުމާ އެކު، އެސްއޯޕީ އޮންނަ ގޮތުން، ތުހުމަތު ކުރެވޭ މީހުންނަށް ޖަވާބުދާރީވާން ފުރުސަތު ދެވޭނެ ކަމަށް ހައްސާން ވިދާޅުވި އެވެ. އީއާރުއޭ އިން މި މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ހައްސާން ދެއްވި އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު