ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމް ބީއެލްއެލް އިން ހަމަޖައްސައިފި
ވިޔަފާރި

ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމް ބީއެލްއެލް އިން ހަމަޖައްސައިފި

ރރިޒްނާ ޒަރީރު
February 3, 2026

ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް މިއަހަރު ވެސް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިފި އެވެ.

މިގޮތުން ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީ މަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ ގްރައުންޑް ފްލޯއިންނެވެ. މި ޚިދުމަތް ލިބިގަތުމަށް ކަސްޓަމަރ ސަރވިސް ސެންޓަރުން ނަމްބަރު ނެގޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 8 އިން 26 ފެބްރުވަރީ 2026 ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށެވެ.

ޢުމްރާވެރިންނަށް ވީހާވެސް ފުރިހަމައަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ބޭނުންވާއިރު، ބައެއް ކަންތަކަށް ކަސްޓަމަރުން ސަމާލުކަން ދިނުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

  • ·       ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ.

  • ·       ޑޮލަރު ގަންނަ ވަގުތު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެ އެވެ.

  • ·       ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެ އެވެ.

  • ·       ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރެވެ.

  • ·       ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ 5 ޢުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ އެވެ.

  • ·       ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުންނެވެ.

އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ޑޮލަރު ނެގޭނެ ކަމަށް ބީއެލްއެލް އިން ބުންޏެވެ.

މަތީގައި ބަޔާންކޮށްފައިވާ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށާއި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ  ބްރާންޗްތަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު