
އައްޑޫ ފޭދޫ ބަނދަރު ބޭރުގައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެ އަނދަނީ
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ފަޔާ ސްޓޭޝަނުގެ ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އަލިފާން ރޯވެފައިވަނީ ފޭދޫ ބަނދަރުގެ ބޭރުގައި އަޅާފައި އޮތް އުޅަނދެއްގަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ދޯނީގައި ވަރަށް ބޮޑަށް ރޯވެ، މުޅި ސަރަހައްދަށް ވަނީ ކަޅު ދުން ފެތުރިފަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިންނާއި އާންމުން ގުޅިގެން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި އެއްވެސް މީހަކު ހުރިކަން ނުވަތަ ނޫންކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއްވެސް މިހާތަނަށް ލިބިފައި ނުވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
އަލިފާން ރޯވުމަށް މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. މިފަދަ ހާދިސާތަކުގައި އާންމުކޮށް އުޅަނދުފަހަރަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބޭއިރު، ޑައިވިން ދޯނިފަހަރަކީ އަގުބޮޑު އިކުއިޕްމަންޓްތައް ހުންނަ އުޅަނދުފަހަރަށް ވާތީ ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

