ނަފްސާނީ ބަލިތަކަށް 70،000 މީހުން 3 އަހަރު ތެރޭގައި ފަރުވާހޯދި
ރާއްޖެ

ނަފްސާނީ ބަލިތަކަށް 70،000 މީހުން 3 އަހަރު ތެރޭގައި ފަރުވާހޯދި

އއައިނީ
February 22, 2026

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ނަފްސާނީ ބަލިތަކަށް 70،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާކަމަށް ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ ޑިޕާޓްމަންޓުގެ ސޯޝަލް ސާވިސް ކޯޑިނޭޓަރު އައިޝަތު ޝުހުޒާ ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުން ލިބިފައިވާ ހިސާބުތަކަށް ބަލާއިރު، ނަފްސާނީ އެހީތެރިކަމަށް އެދިފައިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ފާއިތުވީ ތިން އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ މައްސަލަތަކުގައި ފަރުވާ ހޯދާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތަށް ބަލާއިރު ކޮންމެ 20 މީހަކުން އެކަކީ އަމިއްލަ ނަފްސަށް ގެއްލުން ދޭ ހިޔާލު އަންނަ ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުން އަންނަ މީހެއްކަން ފާހަގަކުރައްވަމުން ޝުހުޒާ ވިދާޅުވީ މިއީ ކަންބޮޑުވާ ލެވެލެއް ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންނާއި ގުޅިގެން ސަރުކާރުން މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީގެ ނައިބު އައިމިނަތު އިސްމާއިލް ވިދާޅުވީ، ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ތަފްޞީލީ ދިރާސާއެއް މިހާތަނަށް ހެދިފައި ނުވި ނަމަވެސް، 2022 ވަނަ އަހަރު ހަދާފައިވާ "ގެޕްސް" ދިރާސާއިން ކަންބޮޑުވާންޖެހޭ ފަދަ ނަތީޖާތަކެއް ފެންނަން ހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަން ނުވަތަ މާޔޫސްވުމުގެ އަލާމާތްތައް ހުންނަ މީހެއްކަން އެ ދިރާސާއިން ދައްކައެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު ގެންގުޅޭ މީހުންވެސް މުޖުތަމަޢުގައި އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދެއްވަމުންދާއިރު، ނަފްސާނީ ބަލިތަކުގެ ފަރުވާގެ ހުރިހާ ހަރަދެއް މިހާރު ވަނީ އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މިއީ މިފަދަ ފަރުވާތަކަކީ އަގުބޮޑު ފަރުވާތަކަކަށް ވުމުން އާންމުންނަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ.

އާމިނަތު އިސްމާއިލް އިތުރަށް ވިދާޅުވީ، މި ދާއިރާއިން ފަންނީ މީހުން ބިނާކުރުމަކީ ދުނިޔޭގެ ފެންވަރުގައިވެސް ގޮންޖެހުމެއް ކަމަށާއި، ނަމަވެސް ރާއްޖޭގައި މި ދާއިރާގެ ފަންނުވެރިން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށްފަހު، މިދިޔަ އަހަރު އެކަނިވެސް 23 މީހަކު އަނބުރާ އާއިލާތަކާ ހަވާލުކުރެވިފައިވާކަން އެ ޑިޕާޓްމަންޓުން ފާހަގަކުރެއެވެ.

ނަފްސާނީ ބަލި ތަހައްމަލްކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 1677 ހެލްޕްލައިނަށް މިހާތަނަށް 13،000 ކޯލް ލިބިފައިވާއިރު ގިނައިން ޅަކުދިން ގުޅާކަން އެ ޑިޕާޓްމަންޓުން ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ އަމާޒަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް، އޭގެ ޒަރީޢާއިން ޤައުމުގެ އުފެއްދުންތެރިކަމާއި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ. މި މަސައްކަތުގައި އެކި ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންގެ އެހީތެރިކަމާއެކު ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު