2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި
ރާއްޖެ

2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

ރރާޅު މީޑިއާ
March 3, 2026

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލައާ ގުޅުންހުރި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ ރަންޖިނި ޖީވަނަންތަން (38އ) އާއި، ގދ. ވާދޫ / ފުރުސަތު، ލޫތު އިބްރާހީމް (29އ) އަދި ގއ. ދާންދޫ / ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް (21އ) އެވެ.

މި ތިން މީހުންގެ ތެރެއިން މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ ރަންޖިނި ޖީވަނަންތަން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި ލޫތު އިބްރާހީމް އާއި އަހުމަދު ރިޝްމާހް ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރަންޖިނި ޖީވަނަންތަން އާއި ލޫތު އިބްރާހީމް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަހުމަދު ރިޝްމާހް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ދެ ކިލޯއަށްވުރެ ގިނަ ހުއްޓެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު