
ވައިގެ މަގުން އެތެރެކުރަން އުޅުނު 2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފި އެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 1 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އައި ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުންނެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލަށް ބަލާއިރު، އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ހަޝިޝް އޮއިލް' އެވެ. އަތުލައިގަތް ތަކެތީގެ ޖުމްލަ ބަރުދަނުގައި 2,174 ގްރާމް (2.1 ކިލޯ) ހުރި އިރު، މި ތަކެތީގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ. މިއީ މިފަހަކަށް އައިސް ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ހަޝިޝް އޮއިލްގެ ބޮޑު ޝިޕްމަންޓެކެވެ.
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ދަނީ ރާއްޖޭގެ ބޯޑަރުތަކުގެ ރައްކާތެރިކަން ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފާސްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރަމުންނެވެ. މިގޮތުން، ދައުލަތުގެ އެހެނިހެން ތަންފީޒީ އިދާރާތަކާ ގުޅިގެން ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަނެވެމުންނެވެ.
މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފަ އެވެ. ފުލުހުން ދަނީ މިކަމުގައި ބައިވެރިވާ ފަރާތްތައް ހޯދުމަށް ހާއްސަ ތަހުގީގެއް ކުރިއަށްގެންދަމުންނެވެ.

