ޒަކާތުގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީ އުފައްދަވައި، މެންބަރުން އައްޔަންކުރައްވައިފި
ސިޔާސީ

ޒަކާތުގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީ އުފައްދަވައި، މެންބަރުން އައްޔަންކުރައްވައިފި

February 2, 2026

ޒަކާތުގެ ގާނޫނުގެ ދަށުން "ޝަރީއާ އެޑްވައިޒަރީ ކޮމިޓީ" އުފައްދަވައި، އެ ކޮމިޓީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން މިއަދު އައްޔަނު ކުރައްވައިފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން ފަސް މެމްބަރުން ހިމެނޭ އެ ކޮމިޓީ ރައީސް އުފެއްދެވީ، ޒަކާތުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި އެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފަޔާއި އިރުޝާދު ދިނުމަށް ކަމަށެވެ. 

ޝަރީއާ އެޑްވައިޒަރީ ކޮމިޓީ އަށް އައްޔަނުކުރައްވާ މެންބަރުންނަކީ، އިސްލާމީ ޝަރީއާގެ ކަމާ ގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލު ކޮށްފައިވުމުގެ އިތުރުން މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަގުރީރުކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައި ވާން ޖެހޭ ކަމަށް ޒަކާތުގެ ގާނޫނުގައިވެ އެވެ. 

ކޮމިޓީއަށް އައްޔަންކުރެއްވި މެމްބަރުން 

  1. ޗެއާޕާސަން: އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މ. ޕެޓީބާރޑް، އަބްދުﷲ ސައުދާން 

  2. މެމްބަރު: އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ގދ. މަޑަވެލި، ގަމަރީ، އުސާމް މުހައްމަދު ސައީދު 

  3. މެމްބަރު: ބީއެމްއެލްގެ ހެޑް އޮފް ޝަރީއާ ކޮމްޕްލަޔަންސް އެންޑް ގަވަނަންސް ރ. ކިނޮޅަސް، ޓިއުލިޕް، އަބްދުލްހާދީ ހުސައިން

  4. މެމްބަރު: އެޗްއެސްބީސީ އަމާނާ، މެލޭޝިއާގެ ކަންޓްރީ ހެޑް އޮފް ޝަރީއާ ސ. ހުޅުދޫ، ވެސްޓްލައިޓް، އަހްމަދު ފިރާސ

  5. މެމްބަރު: ފިނޭންސް މިނިސްޓްރީގެ ސީނިއާ ލީގަލް ސްޓްރެޓެޖިސްޓް ގދ. ރަތަފަންދޫ، ޗަނބޭލީވިލާ، އަޒްމީނު ރަޝީދު 

ޝަރީއާ އެޑްވައިޒަރީ ކޮމިޓީ އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާއި ދެފުށް ފެންނަ މިންވަރު އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ އެކަކުން ފެށިގެންނެވެ. 

އެ ގާނޫނަށް އަަމަލުކުރަން ފެށުމުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ، އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ޒަކާތާ ގުޅޭ ގޮތުން އެ އިރެއްގައި ހުންނަވާ އިސްލާމިކް މިނިސްޓަރެއްގެ މަސްއޫލިއްޔަތުތައް ވެސް އެ ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު