
ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ މުޒާހަރާއަށް: އާއްމުން ސުވާލު އުފައްދަނީ އެޕާޓީގެ ވެރިކަމުގައި ކަންތައް ކުރި ގޮތާ މެދު
ސިޔާސީ ފިކުރުގެ ތަފާތުތަކާ ގުޅިގެން ސަރުކާރުން މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އިޙްތިޖާޖު ކުރަން ނުކުންނާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް، މި މައްސަލައިގައި އެމްޑީޕީން މުޒާހަރާ ކުރުމަށް ނިންމާފައި ވާއިރު، އާއްމުންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ، އެމްޑީޕީގެ ދެ ސަރުކާރުގެ ދުވަސްވަރުގައިވެސް ސިޔާސީ ސަބަބުތަކަށްޓަކައި ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާކަން ހަނދާންކޮށްދީ، މި މުޒާހަރާގެ އިޚްލާސްތެރިކަމާ މެދު ސުވާލު އުފައްދާފައެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، އެޕާޓީގެ ފަރާތުން ބާއްވާ މި މުޒާހަރާ، "ވަޒީފާ ބުރާސްފަތި" ގެ ނަމުގައި ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި ރަސްފަންނުންނެވެ. މި މުޒާހަރާއަށް ތާއީދު ހޯދުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައްވެސް އެމްޑީޕީން ވަނީ ފަށާފައެވެ. އެމްޑީޕީގެ އިސްބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި، މި ސަރުކާރުން ގެންދަނީ އެމްޑީޕީގެ މެމްބަރުންނާއި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ވަޒީފާތަކުން ވަކިކުރަމުންނެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤަށް ތާއީދުކޮށް، ކެމްޕޭންގައި ހަރަކާތްތެރިވި ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް، އޭނާވެސް ވަނީ ވިދާޅުވެފައެވެ.
މި މުޒާހަރާ އިއުލާނު ކުރުމާއެކު، އާއްމުންގެ ފަރާތުން ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ، އެމްޑީޕީގެ ދެ ސަރުކާރު ކަމަށްވާ 2008 އިން 2012 އަށް އޮތް ވެރިކަމުގައާއި، 2018 އިން 2023 އަށް އޮތް ވެރިކަމުގައި، ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އަނިޔާ ލިބިފައިވާކަން ހަނދާންކޮށްދެމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި، މި މުޒާހަރާގެ ބޭނުމަކީ އިޚްލާސްތެރި ބޭނުމެއް ނޫނެވެ.
އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ސިޔާސީ ސަބަބުތަކާ ހުރެ ވަޒީފާއިން ވަކިކުރެވުނު މީހުންގެ ތެރެއިން އެއް މިސާލަކީ، އަޕަރ ނޯތު ޔުޓިލިޓީސްގެ ހއ. ދިއްދޫ އިންޖީނުގޭގެ ޑެޕިއުޓީ މެނޭޖަރުގެ މަޤާމުން 2010 އޮގަސްޓް 31 ގައި ވަޒީފާއިން ވަކިކުރި ހއ. ދިއްދޫ ޝާރާޒް، މުޙައްމަދު ލަތީފެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާ ހުރި މަޤާމު އުވާލައިގެންނެވެ. މިއަދު އެމްޑީޕީން "ވަޒީފާގެ ހިމާޔަތު" ގެ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް ކަމަށް އޭނާގެ ޕޯސްޓެއްގައި ވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖެއަށް 2008 ވަނަ އަހަރު ޑިމޮކްރެޓިކް ބަދަލުތައް އައި ފަހުން، ސިޔާސީ ބޭނުމަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި މައިގަނޑު ތިން ގޮތެއް ބޭނުންކޮށްފައި ވެއެވެ. އެއް ގޮތަކީ، ވަޒީފާއިން ވަކިކުރަން ބޭނުންވާ މުވައްޒަފު ހުރި މަޤާމު އުވާލުމެވެ. ދެވަނަ ގޮތަކީ، މުވައްޒަފު އަމިއްލައަށް ވަޒީފާއިން އިސްތިއުފާ ދިނުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް މަޖުބޫރުވާ ގޮތަށް ވަޒީފާ އަދާކުރާ އޮފީސް ނުވަތަ ވަޒީފާ އަދާކުރާ ރަށް ބަދަލުކުރުމެވެ. ތިންވަނަ ގޮތަކީ، "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި، މުވައްޒަފުން މަދުކުރުމުގެ މަރުހަލާގެ ތެރެއިން މީހުން ވަޒީފާއިން ވަކިކުރުމެވެ.
މިފަދަ ބޭއިންސާފު ވަޒީފާތަކުން ވަކިކުރުންތަކަކީ، އެއިރެއްގައި އޮންނަ ސަރުކާރެއްގެ ބޭނުމަށްޓަކައި ހިންގަމުން އައި ކަންތައްތަކެކެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައާއި، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައިވެސް، އަދި މިހާރުގެ ސަރުކާރުގައިވެސް މިކަން އަންނަނީ އެގޮތަށް ކުރަމުންނެވެ.
އިދިކޮޅު ޕާޓީން ބޭއިންސާފުން މީހުން ވަޒީފާތަކުން ވަކިކުރުމާއި ދެކޮޅަށް ވާހަކަ ދައްކާނަމަ، އެއިރަކު އޮންނަ ސަރުކާރެއްގެ އިސްވެރިންނާއި، ސަޕޯޓަރުންވެސް ބުނާ ވާހަކައަކީ، ކުރީ ސަރުކާރުންވެސް ކަންތައް ކުރީ ހަމަ އެގޮތަށް ކަމަށެވެ. މިހާރު ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ސަޕޯޓަރުންވެސް އަންނަނީ މިކަން ހަނދާންކޮށްދެމުންނެވެ.
ވަޒީފާތަކުން މީހުން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީން މުޒާހަރާކުރާއިރު، މި މައްސަލައިގައި އެމްޑީޕީއަކީވެސް ރައްޔިތުންގެ އިތުބާރު އޮތް ޕާޓީއެއް ނޫން ކަމަށް އާއްމު ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ. ސިޔާސީ ފިކުރުގެ ތަފާތުތަކަށްޓަކައި ވަޒީފާތަކުން މީހުން ވަކިކުރުމުގެ މައްސަލައަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި އަބަދުވެސް ހޫނު ބަހުސްތަކެއް ކުރެވޭ މައްސަލައެކެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސިޔާސީ ޕާޓީތަކުން އިޚްލާސްތެރި ޢަމަލީ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެތައް ބަޔަކު ދެކެއެވެ.



