
އަހަރެމެންގެ ސިޔާދަތަށް އަރައިގަތް ފަރާތްތަކަށް ހިތާމަކުރަންޖެހޭނެ ފަދަ ވަރުގަދަ ރައްދެއް ދޭނަން: އީރާން
އިސްރާއީލުން މިއަދު ފަތިހުގެ ވަގުތެއްގައި އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުގެ ސިޔާދަތަށް އަރައިގަތް ކޮންމެ ފަރާތަކުން އެކަމާ ހިތާމަކުރަންޖެހޭނެ ފަދަ ވަރުގަދަ ރައްދެއް ދިނުމަށް އެ ގައުމުގެ އަސްކަރިއްޔާ އޮތީ "ފުރިހަމައަށް ތައްޔާރަށް" ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އީރާނުގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން މިއަދު ދީފައިވާ ހަމަލާތަކަކީ އީރާނުގެ ސަރަހައްދީ ނަޒާހަތްތެރިކަމާއި ގައުމީ ސިޔާދަތަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ގައުމުގެ ދިފާއީ އުމްރާނީ ވަސީލަތްތަކަށާއި، އެކި ސިޓީތަކުގައި ހުރި އަސްކަރީ ނޫން ތަންތަނަށް ކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
އީރާނުން ބުނި ގޮތުގައި އެމެރިކާ އާއި ޒަޔަނިސްޓް އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ދިން މި އުދުވާނީ ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. މިއީ ބައިނަލްއަގުވާމީ ސުލްހަ މަސަލަސްކަމާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރަމުން، އީރާނުން ވަނީ މި ހަމަލާއަށް އެކަށީގެންވާ ވަރުގަދަ ރައްދެއް ދިނުމުގެ ގާނޫނީ ހައްގު އެ ގައުމަށް ލިބިގެންވާކަން ފާހަގަކޮށްފަ އެވެ.



