
އެމެރިކާ މެދުއިރުމަތިން ފައިބައި، ގެއްލުމުގެ ބަދަލު ނުދެނީސް ހަނގުރާމަ ނުހުއްޓާނެ: އީރާން
އެމެރިކާ މެދުއިރުމަތިން ފައިބައި، ގެއްލުމުގެ ބަދަލު ނުދެނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށް އީރާނުން އިންޒާރު ދީފި
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އީރާނުން ވަނީ އެމެރިކާއަށް ވަރަށް ބޮޑު އިންޒާރެއް ދީފައެވެ. އެމެރިކާއިން އީރާނަށް ދީފައިވާ ހުރިހާ ގެއްލުމެއްގެ ބަދަލު ހިފުމަށްފަހު އަދި އެމެރިކާގެ ސިފައިން މެދުއިރުމަތީގެ ސަރަހައްދުން ފައިބައި، މުސްތަޤްބަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ސައްތަ އިންސައްތަ ޔަޤީންކަން ނުލިބެނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށް އީރާނުން އިއުލާނުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށާއި، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.
އީރާނުގެ އެކްސްޕީޑިއަންސީ ޑިސާންމަންޓް ކައުންސިލްގެ މެންބަރު މުޙުސިން ރިޒާއީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އިޚްތިޔާރު އޮތީ އީރާނުގެ އަތްމަތީގައި ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ މައިގަނޑު ޝަރުތުތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، އެމެރިކާއިން ލިބުނު ގެއްލުމުގެ ބަދަލު ހިފުމާއި، ފާރިސީ ކަނޑުއޮޅި ހިމެނޭހެން މުޅި ސަރަހައްދުން އެމެރިކާގެ އަސްކަރިއްޔާ ބޭރުވުމެވެ. މިއީ އެމެރިކާއާއި އީރާނާ ދެމެދު ގުޅުން ގޯސްވެ، ސަރަހައްދުގައި ހަމަޖެހުން ގަޑުބަޑުވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ފަރާތުން ނިކުތް ވަރަށް ހަރުކަށި އަދި މުހިންމު ބަޔާނެކެވެ.
މެދުއިރުމަތީގެ ސަރަހައްދަކީ ދުނިޔޭގެ ޖިއޯޕޮލިޓިކްސްގައި ވަރަށް މުހިންމު ސަރަހައްދެކެވެ. މި ސަރަހައްދުގައި އެމެރިކާއާއި އީރާނާ ދެމެދު ޒަމާނުއްސުރެ ހަމަނުޖެހުންތައް ހިނގަމުން އަންނަނީއެވެ. އެމެރިކާއިން އެ ސަރަހައްދުގައި ގިނަ އަސްކަރީ މަރުކަޒުތައް ޤާއިމުކޮށްފައިވާއިރު، އީރާނުން ދެކެނީ އެމެރިކާގެ މި އަސްކަރީ ހަރަކާތްތަކަކީ އީރާނުގެ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ.



