
ބާރު ދައްކާލުމުގެ ނިޔަތުގައި ފެއްޓި ހަނގުރާމައި އެމެރިކާއަށް އެތައް ބިލިޔަންޑޮލަރުގެ ގެއްލުމަކާއި ބޮޑު ލަދެއް
މެދުއިރުމަތީގައި އިޒްރާއީލާއި އީރާނާ ދެމެދު ކުރިއަށްދާ ހަމަލާބަދަލުތަކުގެ ސަބަބުން ސަރަހައްދުގެ ހާލަތު ވަނީ ނާޒުކު ހިސާބަކަށް ގޮސްފައެވެ. ގިނަ ބައިނަލްއަޤްވާމީ މުރާސިލުންނާއި ސިޔާސީ ވިސްނުންތެރިން ގަބޫލުކުރާ ގޮތުގައި، މި ހަމަލާތައް ފެށުނީ އީރާނަށް އިޒްރާއީލާއި އޭގެ އެކުވެރިންގެ ބާރު ދައްކާލުމުގެ ނިޔަތުގައެވެ. ނަމަވެސް މިހާރު މިތިބީ ހަނގުރާމައިގެ އާ ގޮޅިއަކަށް ވަދެ، އެކަން ނިންމާނެ ގޮތެއް ނޭނގި، ކުރިއަށް ދިޔަޔަސް ނުވަތަ ހުއްޓާލި ކަމުގައި ވިޔަސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިހާލަތު ވަނީ ހުރިހާ ބައިވެރިންނަށް ވެސް ވަރަށް ދަތި ހިސާބަކަށް ގެންގޮސްފައެވެ.
މެދުއިރުމަތީގައި އިޒްރާއީލާއި އީރާނާ ދެމެދު އޮންނަނީ ގިނަ ދުވަސްވެފައިވާ ދުޝްމަންކަމެކެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު އިޒްރާއީލުން ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފައި ވެއެވެ. އަދި އީރާނުން ސަރަހައްދުގައި އެހީތެރިވާ ހަނގުރާމަވެރި ޖަމާއަތްތައް (މިސާލަކަށް ހިޒްބުﷲ އަދި ހޫތީން) ވެސް އިޒްރާއީލަށް ނުރައްކަލެއްގެ ގޮތުގައި ދެކެއެވެ. މި ހަމަލާ ދިނުމުގެ ބޭނުމަކީ އީރާނަށް ސަރަހައްދުގައި އެމީހުންގެ ބާރު ކުޑަކުރެވިދާނެ ކަމުގެ ނިޝާނެއް ދެއްކުން ކަމަށް ބެލެވެއެވެ. އެމެރިކާއިން އިޒްރާއީލަށް މި ދަނޑިވަޅުގައި ދިން ފުރިހަމަ ސަޕޯޓަކީ ވެސް މި ނިޔަތުގެ ބައެކެވެ. އީރާނުގެ ބާރާއި ނުފޫޒު ކުޑަކުރުމަށް އިޒްރާއީލާއި އެމެރިކާ ގުޅިގެން މަސައްކަތްކުރާ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ.
އީރާނަށް ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އިޒްރާއީލަށް ސީދާ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދިނެވެ. މިއީ ތާރީޚުގައި އީރާނުން އިޒްރާއީލަށް ސީދާ ދިން އެންމެ ބޮޑު ހަމަލާ ކަމަށް ވެއެވެ.
މިހާލަތުގައި ތިބި އިޒްރާއީލާއި އެމެރިކާއަށް ކުރިމަތިވެފައި ވަނީ ވަރަށް ދަތި އޮނިގަނޑެކެވެ. ހަނގުރާމަ އިތުރަށް ބޮޑުކޮށްފިނަމަ އެ ދެގައުމަށް ވެސް ބޮޑެތި ގެއްލުންތައް ލިބިދާނެއެވެ. އިޒްރާއީލަށް ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކަލަކީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވެ، އެތައް ފަރާތަކުން އެ ގައުމަށް ހަމަލާ ދިނުމެވެ. ހިޒްބުﷲ، ހޫތީން އަދި އެހެނިހެން ޖަމާއަތްތަކުން ހަމަލާ ދިނުން ގިނަވެ، އިޒްރާއީލުގެ ސަލާމަތަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވާނެއެވެ. އެމެރިކާއަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ. އެއީ މެދުއިރުމަތީގެ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަދެ، އެތައް ބިލިއަން ޑޮލަރުގެ ހަރަދުތަކެއް ކުރުމަށް މަޖުބޫރުވުމެވެ. މިއީ ދުނިޔޭގެ އިޤްތިޞާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.
އަނެއްކޮޅުން، ހަނގުރާމަ ހުއްޓާލައިފިނަމަ ނުވަތަ ފަހަތަށް ޖެހިއްޖެނަމަ، އިޒްރާއީލާއި އެމެރިކާގެ އިތުބާރު ކެނޑި، ސަރަހައްދުގައި އެމީހުންގެ ބާރު ކުޑަވެދާނެއެވެ. އިޒްރާއީލަށް އީރާނުގެ ނުރައްކަލުން ފުރިހަމަ ރައްކާތެރިކަމެއް ކަށަވަރު ނުކުރެވި، އީރާނުގެ ބާރު ސަރަހައްދުގައި އިތުރުވެދާނެއެވެ. މިއީ އިޒްރާއީލުގެ ސަލާމަތަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެކެވެ. އެމެރިކާއަށް ވެސް މިކަމުގެ ސަބަބުން ސަރަހައްދުގައި އޮތް ނުފޫޒު ކެނޑި، އެ ގައުމުގެ ރައްކާތެރިކަމުގެ ވައުދުތަކާ މެދު ސުވާލު އުފެދިދާނެއެވެ. މިއީ ވެސް ބޮޑު ސިޔާސީ ބައްޔެކެވެ.
މެދުއިރުމަތީގެ މި ހަމަނުޖެހުންތަކުގެ ސަބަބުން ހަމައެކަނި އިޒްރާއީލާއި އީރާނަށް އެކަނި ނޫން އަސަރުކުރާނީ. ސަރަހައްދުގެ އެހެން ގައުމުތައް ވެސް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. ތެލުގެ އަގުތައް ބޮޑުވެ، ދުނިޔޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. ބައިނަލްއަޤްވާމީ ޖަމާއަތްތަކުން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން ދިޔަޔަސް، ހުރިހާ ފަރާތްތަކުގެ މަސްލަހަތުތައް ތަފާތުވުމުގެ ސަބަބުން ހައްލެއް ހޯދުން އުނދަގޫވެފައި ވެއެވެ. މެދުއިރުމަތީގެ ހަމަޖެހުމަށް މިހާރު ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.
އިޒްރާއީލާއި އީރާނާ ދެމެދު މިފެށުނު ހަމަލާބަދަލުތަކުގެ ސަބަބުން ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ނާޒުކު ހިސާބަކަށް ގޮސްފައެވެ. ބާރު ދެއްކުމުގެ ނިޔަތުގައި ފެށުނު ކަމެއް ނަމަވެސް، މިހާރު މިތިބީ ކުރިއަށް ދިޔަޔަސް ބަލިވާނެ، އަދި ހުއްޓާލިޔަސް ބަލިވާނެ ހާލަތެއްގައެވެ.



