
ޓްރަމްޕުގެ ދިހަދުވަހުގެ ވައުދު' ފޮށާއެޅުނީ އަމިއްލަ ބޮލުގައި : އީރާނު އަދިވެސް ޚާމަނާއީގެ ބާރުގެ ދަށުގައި
ފާއިތުވި ދުވަސްތަކަކީ މެދުއިރުމަތީގެ ސިޔާސީ މަންޒަރު ވަރަށް ބޮޑަށް ބަދަލުވެ، އެތައް ބަޔެއްގެ ސަމާލުކަން ހުއްޓުނު ދުވަސްތަކެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އީރާނުގެ މައްޗަށް ދިހަދުވަސްތެރޭ އެމެރިކާގެ ކޮންޓްރޯލް ނަގާނެކަމަށް އާދަޔާޚިލާފު ބޮޑެތި ދަޢުވާތަކެއް ކުރެއްވިއެވެ. އޭނާގެ ބަސްތަކުން ދޭހަވަނީ، އީރާނުގެ ވެރިކަން އަވަހަށް ބަދަލުކޮށް، އެމެރިކާގެ އެދުމަށް އެ ޤައުމު ހިންގާނެ ކަމެވެ. ނަމަވެސް، ޓްރަމްޕުގެ އެ ވައުދުތަކަށް އެއްމަސް ވެގެންދިޔައިރު ވެސް، ހާލަތު އޮތީ މުޅިން ތަފާތުކޮށެވެ. އީރާނުން ދަނީ އެމެރިކާ އަދި އޭގެ އެކުވެރިންގެ ބޮލަށް ބޮޑެތި ގޮންޖެހުންތަކެއް ދެމުންނެވެ. އެމެރިކާގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސަންދޯއްތައް އުފުލަން ޖެހިފައިވާއިރު، އީރާނުގެ ވެރިކަން އަދިވެސް އާޔަތުﷲ ޚާމަނާއީގެ ފިކުރު ދަށުގައި އެބައޮތެވެ.
ޓްރަމްޕުގެ ވެރިކަމުގެފުރަތަމަ ރިޔާސަތުގެ ދުވަސްވަރު، އީރާނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅެނެކަން ވަރަށް ބޮޑަށް ފާޅުކުރެއްވިއެވެ. އޭނާ ވަނީ އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން ވަކިވެ، އެޤައުމާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މި ސިޔާސަތުގެ އެންމެ ބޮޑު މަޤްސަދަކީ، އީރާނުގެ ސަރުކާރު ބަދަލުކުރުން ނުވަތަ އެ ސަރުކާރުގެ ބާރު ކަނޑުވައިލުމެވެ. "ހާއްސަކޮށް އިޒްރޭލާއި ގުޅިގެން މިހާރު އީރާނާއި ދެކޮޅަށް ކުރިއަށްދާ ހަނގުރާމައާއި ގުޅިގެން އީރާނުގައި ދެން އޮންނާނީ ތިމަންނާގެ ވެރިކަމެކޭ. ތިމަންނާގެ ބައިވެރިވުން އޮންނާނެ" ކަމަށް ޓްރަމްޕު ވިދާޅުވިއެވެ. މިފަދަ ބަސްތަކުން އޭނާގެ ލަނޑުދަނޑި ހާސިލްވާނެކަމަށް ބޮޑަށް ބެލެވުނު ނަމަވެސް، ހަގީގަތް ދައްކާލީ މުޅިން އެހެން މަންޒަރެކެވެ.
އެމެރިކާ އާއި އެމެރިކާގެ އެންމެ ގާތް އެކުވެރިޔާ އިޒްރޭލްގެ އިތުރުން، އިނގިރޭސިވިލާތާއި ޔޫރަޕްގެ ބައެއް ބާރުގަދަ ޤައުމުތަކުގެ އެއްބާރުލުން ލިބިގެން، އީރާނާ ދެކޮޅަށް ސިފައިންނާއި ހަތިޔާރު ބޭނުންކޮށްގެން ހަމަލާތައް ދެމުންދާއިރު ވެސް، އީރާނުން ދަނީ އެކަނިމާއެކަނި މިބާރުތަކާ ކުރިމަތިލައި ހަރުދަނާކޮށް ހަރަކާތްތެރިވަމުންނެވެ. އީރާނުގެ ޙަމަލާތައް ވަނީ އެމެރިކާގެ މަސްލަހަތުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ހަމަލާތައް ހުއްޓުވުމަށް އެމެރިކާއަށް ދަނީ ނުކުޅެދެވިފައެވެ.
މި ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ވަނީ އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެމެރިކާގެ 200 އަށް ވުރެ ގިނަ ސިފައިން މަރުވެ ނުވަތަ ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ "ސަންދޯއްތައް އުފުލަން" ޖެހިފައިވާ ކަމަށް ބުނެވޭ ބަހުގެ ހަޤީގީ މާނައެވެ. މީގެ އިތުރުން، އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރާއި އަސްކަރީ ތަކެތި ހަމަލާތަކުގައި އަޅިއަށް ވެފައިވެއެވެ. މި ގެއްލުންތަކަކީ އެމެރިކާގެ އިޤްތިޞާދަށާއި އަސްކަރީ ބާރަށް ލިބުނު ބޮޑު ފިއްތުމެކެވެ. ޓްރަމްޕުގެ އީރާނާ ދެކޮޅު ސިޔާސަތުގެ އަގު އެމެރިކާއަށް ދައްކަން ޖެހުނީ ވަރަށް ބޮޑު އަގެކުންނެވެ.
ޓްރަމްޕު، އީރާނުގެ ކޮންޓްރޯލް ނަގާނެ ކަމަށް ބުނި ނަމަވެސް، އީރާނުގެ ވެރިކަން އަދިވެސް އޮތީ އެޤައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ ފިކުރުގެ ދަށުގައެވެ. ޓްރަމްޕުގެ ސިޔާސަތުތަކުން އީރާނުގެ ވެރިކަން ބަދަލުކުރުމަށް ނުވަތަ އެޤައުމުގެ އެތެރޭގެ ހާލަތަށް ބޮޑު ބަދަލެއް ގެނައުމަށް ކާމިޔާބުވެފައެއް ނުވެއެވެ. އީރާނުން ދަނީ އެމެރިކާގެ ހުރިހާ ފިއްތުންތަކަކާ ކުރިމަތިލައި، ކެތްތެރިކަމާއެކު އެޤައުމުގެ ސިޔާދަތީ މިނިވަންކަން ދިފާއުކުރަމުންނެވެ.
ޑޮނަލްޑް ޓްރަމްޕު އީރާނުގެ މައްޗަށް ދިހަދުވަސްތެރޭ ކޮންޓްރޯލް ހޯދާނެ ކަމަށް ދެއްކެވި ހުށަހެޅުންތައް ވީ ފެނުނު ހުވަފެނަކަށެވެ. އެމެރިކާއާއި އެކުވެރިންގެ ބޮޑެތި ވަސީލަތްތަކާ އެކު ވެސް، އީރާނުގެ ބާރު ކަނޑުވައިލެވޭ ގޮތެއް ނުވިއެވެ. އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިފައިންގެ ފުރާނަތައް ގެއްލިގެން ދިޔައިރު، އީރާނުގެ ވެރިކަން އަދިވެސް ވަނީ ހަރުދަނާކޮށް ގާއިމުވެފައެވެ. މި ހާދިސާއިން ދައްކުވައިދެނީ، ބައިނަލްއަގްވާމީ ގުޅުންތަކުގައި ބާރުގެ ބޭނުންކުރުމަށް ވުރެ، ޑިޕްލޮމެސީއާއި ސުލްހަވެރި ހައްލުތައް ހޯދުމުގެ މުހިންމުކަމެވެ.



