
އިރާނުގެ ތެލުގެ މައި މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ޓްރަމްޕް ދީފި
ހޮރްމުޒް ކަނޑުއޮޅިން ތެޔޮ ނެރުމަށް އިރާނުން ހުރަސްއަޅާނަމަ، އީރާނުގެ ޚާރްޖުގައި ހުންނަ ތެލުގެ މައި މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ޓްރަމްޕް ދީފި އެވެ.
އިރާނުގެ ތެލުގެ މައި މަރުކަޒު ކަމަށްވާ ޚާރްޖު އައިލެންޑްގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފައިވަނީ، އެ ރަށުގައި ހުންނަ އަސްކަރީ ތަންތަނަށް ހަމަލާދިނުމަށްފަހު އެވެ.
އީިރާނުން ބޭރުކުރާ ތެލުގެ 90 އިންސައްތަ ފޮނުވައިދޭ މައި ޓާމިނަލް އަދި ތެޔޮ ރައްކާކުރާ ތަންތަން ހުންނަނީ ޚާރްޖު އައިލެންޑްގަ އެވެ. ޓްރަމްޕް ބުނެފައިވަނީ އެތަނުގައި ހުރި އަސްކަރީ އަމާޒުތައް އެމެރިކާއިން މުޅިން ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ. އަދި ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމަށް އިރާނުން ހުރަސްއަޅައިފިނަމަ، ޚާރްޖުގައި ހުންނަ ތެލުގެ މައި މަރުކަޒުތަކަށް ވަގުތުން ހަމަލާދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އިރާންގެ ޚާރްޖު އައިލެންޑްގައި ހުންނަ ތެލުގެ މައި މަރުކަޒުތައް
މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރުތައް ދަތުރުކުރާއިރު، އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ވަރަށް އަވަހަށް ހިމާޔަތް ދޭން ފަށާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ބުނެފަ އެވެ.
ޚާރްޖު އައިލެންޑަށް ދިން ހަމަލާއާ ގުޅިގެން އިރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެ ގައުމުގެ ތެލާއި ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލާއެއް ދީފިނަމަ، ގަލްފް ސަރަހައްދުގައި އެމެރިކާއާ ގުޅިގެން މަސައްކަތްކުރާ ތެޔޮ ކުންފުނިތަކުގެ ވަސީލަތްތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދޭނެ ކަމަށެވެ.
އިރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތަކުގެ ތެރޭގައި އެ ރަށުން 15 އަށްވުރެ ގިނަ ގޮވުމުގެ އަޑު އިވިފައިވެއެވެ. އަދި މި ހަމަލާތައް އަމާޒުވެފައިވަނީ އެ ރަށުގެ ވައިގެ ދިފާއީ ނިޒާމަށާއި، ކަނޑުގެ ސިފައިންގެ މަރުކަޒަކަށާއި އެއާޕޯޓުގެ ވަސީލަތްތަކަށް ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.



