އީރާނުގެ ހަމަނުޖެހުންތަކަށް އެމެރިކާއިން އެހީވިކަން ޓްރަމްޕު ހާމަކުރައްވައިފި
ދުނިޔެ

އީރާނުގެ ހަމަނުޖެހުންތަކަށް އެމެރިކާއިން އެހީވިކަން ޓްރަމްޕު ހާމަކުރައްވައިފި

ރރާޅު މީޑިއާ
April 5, 2026

އިރާނުގެ ދައުލަތާއި ދެކޮޅަށް މިއަހަރުގެ ޖެނުއަރީ މަހު އެގައުމުގައި ކުރި މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގުމަށް އެމެރިކާއިން އެހީތެރިވެފައިވާކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ބަސްފުޅުން ފަޅާއަރައިފިއެވެ. މިކަން ހާމަވެގެންދިޔައީ މިއަދު އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ފޮކްސް ނިއުސްއަށް ޓްރަމްޕު ދެއްވި އިންޓަވިއުއެއްގައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި އެމެރިކާއިން ސީދާ ބައިވެރިވި ކަމަށް އެގައުމުގެ ރައީސް އެއްބަސްވެފައިވުމަކީ ބައިނަލްއަޤްވާމީ ގުޅުންތަކަށް ބޮޑެތި އަސަރުތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ސިޔާސީ މާހިރުން ދެކެއެވެ.

ޓްރަމްޕު އިންޓަވިއުގައި ވިދާޅުވިގޮތުގައި، ޖެނުއަރީ މަހު އީރާނުގައި ކުރި މުޒާހަރާތަކުގައި އިރާނުގެ ރައްޔިތުންތަކެއް މަރުވި ކަމުގެ މައުލޫމާތު އެމެރިކާއަށް ލިބުމާއިއެކު، މުޒާހަރާގެ ބައިވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާއިން ވަނީ ފިޔަވަޅު އަޅާފައެވެ. "އަހަރެމެން އެމީހުންނަށް ވަރަށް ގިނަ ބަޑި ފޮނުވިން. އަހަރެމެން އެތަކެތި ފޮނުވީ ކުރުދީން މެދުވެރިކޮށް" ޓްރަމްޕުގެ މިބަސްފުޅުން ދޭހަވަނީ، އީރާނުގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރި މުޒާހަރާތަކުގައި ހަމަނުޖެހުން އިތުރުކޮށް، އެތެރޭގެ ހާލަތު ގޯސްކުރުމަށް އެމެރިކާއިން މަސައްކަތްކޮށްފައިވާ ކަމެވެ.

މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށުމުގެ މަހެއްހާ ދުވަސް ކުރިން، އިރާނުގެ ސަރުކާރާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އެގައުމުގެ ރައްޔިތުން ނުކުމެ ކުރި މުޒާހަރާތަކުގައި "45،000" މީހުން މަރުވެފައިވާ ކަމަށް ވެސް ޓްރަމްޕު ވަނީ އިންޓަވިއުގައި ބަޔާންކުރައްވާފައެވެ. މި އަދަދުތަކަކީ މިހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން ނުވަތަ މިނިވަން ޖަމާއަތަކުން ހާމަކޮށްފައިނުވާ ވަރަށް ބޮޑު އަދަދެކެވެ. އެހެންކަމުން، މި މައުލޫމާތުގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާ އިރު، މިފަދަ ބޮޑެތި އަދަދުތަކެއް ޓްރަމްޕު ހާމަކުރެއްވުމުގެ މަގްސަދާމެދު ވެސް ތަފާތު ތަފްސީރުތައް ދަނީ ކުރެވޭށެވެ.

ޓްރަމްޕު ވަނީ، އެމެރިކާއިން މުޒާހަރާގެ ބައިވެރިންނަށް ތާއީދުކުރުމަށް ފޮނުވި ހަތިޔާރުތައް ކުރުދީންގެ ފަރާތުން ހިފެހެއްޓުނު ކަމަށް ވިދާޅުވެފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ކުރުދީން އެ ބަޑިތައް މުޒާހަރާގެ ބައިވެރިންނަށް ނުދީ ހިފެހެއްޓީ އެމީހުންގެ އަމިއްލަ ބޭނުމަށް ނުވަތަ އެހެން މަގްސަދެއްގައި ކަމެވެ. މިކަމުން ދޭހަވަނީ، އެމެރިކާއިން އީރާނުގެ ހާލަތުގައި މަސްލަހަތު ނަގާލުމަށް އެތެރޭގެ ގުރޫޕުތައް ބޭނުންކޮށްފައިވާ ކަމާއި، ނަމަވެސް އެ މަސައްކަތް ކުރިއަށް ދިޔަ ގޮތާމެދު އެމެރިކާއަށް އޮތް ކޮންޓްރޯލް ނިސްބަތުން ކުޑަކަމެވެ.

މިފަދަ ހާލަތެއްގައި އީރާނުގެ އެތެރޭގެ ހަމަނުޖެހުންތަކަށް އެމެރިކާއިން ސީދާ އެހީތެރިކަން ފޯރުކޮށްދިންކަން ރައީސް ޓްރަމްޕު ހާމަކުރެއްވުމަކީ، ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްކޮށް، ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ފޯރުކޮށްފާނެ ކަމެއް ކަމަށް ބެލެވެއެވެ. އީރާނުގެ ސަރުކާރާއި ދެކޮޅަށް ކުރެވޭ މުޒާހަރާތަކަކީ އަބަދުވެސް ބޭރުގެ ބާރުތަކުގެ ނުފޫޒު އޮންނަ ކަމަށް އިރާނުން ތުހުމަތު ކުރާ ކަމެކެވެ.

ޓްރަމްޕުގެ މިބަސްފުޅުތަކުން އެ ތުހުމަތުތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ މި އިޢުތިރާފަކީ، ބައިނަލްއަޤްވާމީ މުޖުތަމަޢަށް އީރާނުގެ މައްސަލައިގައި އަލަށް ކުރިމަތިވި މުހިންމު ކަމެކެވެ. އެމެރިކާއިން އީރާނުގެ އެތެރޭގެ މައްސަލަތަކުގައި ސީދާ ބައިވެރިވުމުގެ ސިޔާސަތެއް ގެންގުޅޭ ކަން ހާމަވުމުން، ދުނިޔޭގެ އެހެން ގައުމުތަކުން މިކަމަށް ދޭނެ ރައްދުތަކާއި، އީރާނުގެ ފަރާތުން މިކަމަށް ދޭނެ ޖަވާބުތަކަށް ބޮޑު ސަމާލުކަމެއް ދެވެމުންދާނެއެވެ. މިކަމުގެ ސަބަބުން މި ސަރަހައްދުގެ ސިޔާސީ މާހައުލަށް ދާއިމީ އަސަރުތަކެއް ކުރިމަތިވެދާނެ ކަމަށް މާހިރުން ލަފާކުރެއި.

ޚިޔާލުފާޅުކުރުން

ކޮމެންޓު