
އީރާނު އަސްކަރިއްޔާއާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބަލިވެ އެމެރިކާއަށް ގޮތްހުސްވެއްޖެ: ތެޔޮވަޅުތަކާއި ހަކަތަ އުފައްދާ ތަންތަން ނައްތާލާނަން. ޓްރަމްޕް
އީރާނު އަސްކަރިއްޔާއާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބަލިވެ ގޮތްހުސްވުމުން އީރާނުން އަވަހަށް ސުލްހައިގެ އެއްބަސްވުމަކަށް ނައިސްފި ނަމަ، އެ ގައުމުގެ ތެޔޮ ވަޅުތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކާއި، ތެޔޮ އެކްސްޕޯޓްކުރާ މައި ބަނދަރު ހަލާކުކޮށްލާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިންޒާރު ދެއްވައިފި އެވެ.
ޓްރަމްޕު މި އިންޒާރު ދެއްވާފައި މި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދިއުމަށް ބެއްލެވުމެއް ނެތި ކަމަށް ވާއިރު މި އިންޒާރާ އެކު އަގުތައް އިތުރަށް ވަނީ ބޮޑުވާން ފަށައިފަ އެވެ.
އީރާނުގެ ޚަރްޖު ޖަޒީރާގައި ހުރި ތެލުގެ ފެސިލިޓީތައް ހިފުމަށް އެމެރިކާގެ އެއްގަމު ސިފައިން އަރާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ކުރިން ދެއްވި ބަޔާނާ ގުޅިގެން މިހާރު ވެސް ތެލުގެ އަގު ވަނީ އިތުރަށް އުފުލިފަ އެވެ.
މި ހާސްކަން ބޮޑުވެފައި އޮއްވައި ޓްރަމްޕު ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި، މަޝްވަރާގެ މަގުން ހައްލެއް ލިބޭނެ ކަމުގެ އުންމީދު އެބަ އޮތެވެ. ނަމަވެސް އެކަން އެގޮތަށް ނުވެއްޖެ ނަމަ ނުވަތަ އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާ ނަމަ، އެމެރިކާގެ ސިފައިން ޚަރްޖު ޖަޒީރާ އާއި އީރާނުގެ ހުރިހާ ތެޔޮ ވަޅުތަކާއި ކަރަންޓު އުފައްދާ ތަންތަން "ގޮއްވާލާނެ" ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
އީރާނުން ވަނީ މިފަދަ ހަމަލައެއް ދީފިނަމަ ދެން ގަލްފުގެ ގައުމުތަކުން ތެޔޮ ނުނެރޭނެކަމަށް ބުނެ ރައްދު ދެއްވާފައެވެ.



