
ޞިހްޔޫނީ ދައުލަތަށް އީރާނާމެދު ހެދުނު ގޯސް ހިސާބު: 8 އަހަރުގެ ހަނގުރާމައާއި މިއަދުގެ ކުޅަދާނަކަން
ޞިހްޔޫނީ ދައުލަތުން ތާރީޚީ ގޮތުން ފާރިސީން ނުވަތަ އީރާނުގެ ރައްޔިތުންނަކީ އެމީހުން ޢަރަބި ޤައުމުތަކާ މެދު ދެކޭ ގޮތަށް ބަލައި، ކުރު މުއްދަތެއްގެ ތެރޭގައި ބޭރުގެ ފިއްތުންތަކަށް ތަބާވެ، ބަލިވެދާނެ ބައެއް ކަމަށް ގަބޫލުކުރިއެވެ. އެމީހުންގެ އުންމީދުތަކާ ޚިލާފަށް، އީރާނުގެ ރައްޔިތުންގެ ސާބިތުކަމާއި ވަރުގަދަ އަޒުމު ވަނީ ދުނިޔެއަށް ފެނިގެން ގޮސްފައެވެ. ޚާއްސަކޮށް، އިރާޤުގެ ރައީސް ސައްދާމް ޙުސައިން އިސްކޮށް ހުންނަވައިގެން އީރާނަށް ދިން އުދުވާނީ ހަމަލާތަކުގައި ދުނިޔޭގެ ބޮޑުބައި އީރާނާ ދެކޮޅަށް ތިބިއިރުވެސް، އީރާނު ދެއްކި ސާބިތުކަމަކީ، އެމީހުންގެ ހިތްތަކުގައިވާ ވަރުގަދަ ޢަޒުމުގެ ހެއްކެކެވެ.
ޞިހްޔޫނީ ދައުލަތުގެ ވިސްނުމުގައި އީރާނަކީ، އެހެނިހެން ޢަރަބި ޤައުމުތަކެކޭ އެއްފަދައިން، ކޮންމެވެސް ވަރެއްގެ ބޭރުގެ ފިއްތުންތަކެއް އަންނަން ފެށުމުން، ގިނަވެގެން ހަ ދުވަހުގެ ތެރޭގައި ބަލިވެ ފަސްޖެހޭނެ ބައެއް ކަމަށް ލަފާކުރެވުނެވެ. މިފަދަ ހިސާބުތަކަކީ، ސިޔާސީ ގޮތުންނާއި އިސްތިރާތީޖީ ގޮތުން ބަލާއިރު، ވަރަށް ބޮޑަށް ގޯސްވެދާނެ ކަމެކެވެ. އީރާނުގެ ތާރީޚާއި، އެ ޤައުމުގެ ރައްޔިތުންގެ ޘަޤާފީ އަދި ދީނީ ބިންގާގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ދިރާސާކުރެވިފައި ނުވާކަމަށް މިއަދު ފެންނަނީއެވެ.
1980 ގެ އަހަރުތަކުގައި އިރާޤާއި އީރާނާ ދެމެދު ހިނގި 8 އަހަރުގެ ހަނގުރާމައަކީ، ޞިހްޔޫނީ ދައުލަތުގެ މި ހިސާބުތައް މުޅިން ބަދަލުކޮށްލި ހާދިސާއެކެވެ. ދުނިޔޭގެ %90 ޤައުމުތަކުގެ ސީދާ ނުވަތަ ނުސީދާ އެހީތެރިކަން އިރާޤަށް ލިބުނު އިރުވެސް، އީރާނު ވަނީ އެއްވެސް ފަސްޖެހުމެއް ނެތި، ހިތްވަރާއެކު ހަނގުރާމަ ކުރަމުން ގޮސްފައެވެ. މި ހަނގުރާމައިގައި އީރާނުން ދެއްކި ސާބިތުކަމަކީ، ދުނިޔޭގެ ސިޔާސީ މާހައުލުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެއްދި ކަމެކެވެ. އެއީ ހަމައެކަނި ޢަސްކަރީ ކުޅަދާނަކަމެއް ނޫނެވެ، ބަދަލުގައި އެއީ ޤައުމީ ރޫޙާއި، ވަޠަންދެކެ ވާ ލޯތްބާއި، ދީނީ އަޤީދާގެ ގަދަފަދަ ބާރު ދައްކުވައިދިން ހަނގުރާމައެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުން އިރާޤަށް އެހީތެރިކަން ފޯރުކޮށްދިނުމުންވެސް، އީރާނުގެ ރައްޔިތުންގެ ހިތްވަރަށް އެއްވެސް އަސަރެއް ކުރެވިފައެއް ނުވެއެވެ.
އީރާނު އެފަދަ ބޮޑު ހަނގުރާމައެއްގައި އެހާ ގިނަ ދުވަހު ސާބިތުކަންމަތީ ދެމިހުރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެމީހުންގެ ދީނީ އަގީދާއާއި ޘަޤާފީ ކަންތައްތައް ހިމެނެއެވެ. ޚާއްސަކޮށް، އީރާނުގެ ރައްޔިތުންގެ ހިތްތަކުގައިވާ ވަރުގަދަ އަޒުމާއި، އިސްލާމީ އުންމަތުގެ މާތް އަލްބައިތުންގެ ދެކެވާ ލޯތްބަކީ، އެމީހުންނަށް ކޮންމެފަދަ ގޮންޖެހުމަކާވެސް ކުރިމަތިލުމަށް ހިތްވަރު ލިބުނު މައިގަނޑު ސަބަބުތަކެކެވެ. މި އަޒުމަކީ، މުޅި ދުނިޔެއަށް ނުކުމެ ކުރި މަސައްކަތުންވެސް ގުޑުވާނުލެވުނު އަޒުމެކެވެ. އެމީހުންގެ ދީނީ ގަދަފަދަ އީމާންކަމާއި، ވަޠަން ދިފާޢުކުރުމުގެ ރޫހަކީ، ބޭރުގެ އެއްވެސް ބާރަކަށް ބަދަލުކޮށްލެވޭނެ އެއްޗެއް ނޫންކަން މި ހާދިސާއިން ވަނީ ސާބިތުވެފައެވެ. އެމީހުންގެ މި ސާބިތުކަން ދުނިޔޭގެ ހަމަލާތަކުން ނައްތާލެވޭނެ ކަމަށް ހީކުރި ބާރުތަކަށް މި ހަނގުރާމައިގެ ތެރެއިން ލިބުނީ ހައިރާންކަމެވެ.
މިއަދު މާތްﷲގެ އިރާދަފުޅާއެކު، އީރާނަކީ ކުރިންވެސް ފެނިގެންދިޔަ ސާބިތުކަމާއެކު، އަމިއްލަ ދިފާޢީ ޤާބިލުކަން މަތިކޮށްފައިވާ ޤައުމެކެވެ. އެމީހުންނަށް ބޭނުންވާ ގިނަ ހަތިޔާރުތަކަކީ މިހާރު އަމިއްލައަށް އުފައްދާ ހަތިޔާރުތަކެކެވެ. މިކަމުގެ ސަބަބުން، ކުރީގެ 8 އަހަރުގެ ހަނގުރާމައިގައި ދިމާވި ފަދަ ދަތިކަމެއް މިހާރު ދިމާވިޔަސް، އެތައް ގުނައެއް އިތުރަށް ދުޝްމަނުންނަށް ރައްދުދީ، އަމިއްލަ ބޯޑަރުތަކާއި، ރައްޔިތުން ދިފާޢުކުރުމުގެ ފުރިހަމަ ޤާބިލުކަން އެމީހުންގެ ކިބައިގައި އެބަހުއްޓެވެ. ދިފާޢީ ދާއިރާގައި އަމިއްލަފުދުންތެރިކަން ހާސިލުކުރުމަކީ، ބޭރުގެ ފިއްތުންތަކަށް ތަބާނުވެ، މިނިވަންކަމާއެކު ސިޔާސަތުތައް ހިންގުމަށް އެހީތެރިވެދޭނެ މުހިންމު ކަމެކެވެ. މިއަދު އީރާނުގެ އަސްކަރީ ބާރަކީ ކޮންމެ ދުޝްމަނެއްގެ ހަމަލާއަކަށްވެސް ދިފާޢުވުމަށް ތައްޔާރަށް ހުރި ބާރެކެވެ.
ޞިހްޔޫނީ ދައުލަތުން އީރާނާމެދު ހެދި ތާރީޚީ ގޯސް ހިސާބުތަކުން ފެނުނީ، އެ ޤައުމުގެ އަސާސީ ރޫހާއި، ރައްޔިތުންގެ ވަރުގަދަ އަޒުމު ފަހުމުނުކުރެވުނު ކަމެވެ. 8 އަހަރުގެ ހަނގުރާމައަކީ، އީރާނުގެ ރައްޔިތުންގެ ސާބިތުކަމުގެ ދިރ މިސާލެކެވެ. މިއަދު، އަމިއްލައަށް ހަތިޔާރު އުފައްދައި، ދިފާޢީ ޤާބިލުކަން އިތުރުކޮށްފައިވާ އީރާނަކީ، ކުރިން ދުޝްމަނުން ހީކުރިފަދަ ބައެއް ނޫނެވެ. އެއީ، އެމީހުންގެ މިނިވަންކަމާއި، އަމިއްލަ ވެރިކަން ދިފާޢުކުރުމަށްޓަކައި ކޮންމެފަދަ ގުރުބާނަކަށްވެސް ތައްޔާރަށް ތިބި ބަޔެކެވެ. މިކަމުން ދައްކައިދެނީ، އެތެރޭގެ ބާރާއި، ޤައުމީ އެއްބައިވަންތަކަމަކީ، ބޭރުގެ ކޮންމެ ފިއްތުންތަކަކަށްވެސް ކުރިމަތިލުމަށް އެންމެ ވަރުގަދަ ހަތިޔާރު ކަމެވެ.



