އީރާނުގެ ބާރު' އެމެރިކާ އާއި ނޭޓޯއަށް ނުހުއްޓުވުނު، މެދުއިރުމަތީގެ މަސްރަހު ބަދަލުކޮށްލައިފި
ދުނިޔެ

އީރާނުގެ ބާރު' އެމެރިކާ އާއި ނޭޓޯއަށް ނުހުއްޓުވުނު، މެދުއިރުމަތީގެ މަސްރަހު ބަދަލުކޮށްލައިފި

ރރާޅު މީޑިއާ
March 21, 2026

މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު އަލުން އަނދަމުންދާއިރު، ސަރަހައްދުގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. އެމެރިކާ ހަގީގީ އެކުވެރިޔާ އިޒްރޭލުން، ޒަމާނުއްސުރެ ސަރަހައްދުގެ އެންމެ ބޮޑު ނުފޫޒުގަދަ ބާރު ކަމަށް ދަޢުވާކުރަމުން އައި ކަމުގައި ވިޔަސް، މިހާރުގެ ހާލަތު ދައްކަނީ އެމެރިކާއާއި ނޭޓޯއަށް ވެސް އީރާނުގެ ބާރު ހުއްޓުވުމަށް ނުކުޅެދިފައިވާ ކަމެވެ. ހާލަތު މިހާރު ހުރި ގޮތުން، އެމެރިކާގެ އަތުގައި ކުޅޭނެ އެއްވެސް ކާޑެއް ނެތް ކަމަށް ވާހަކަ ދެކެވޭއިރު، ސަރަހައްދުގެ ސިޔާސީ ކުޅިގަނޑުގެ މައިގަނޑު ކާޑުތައް މިހާރު އީރާނުގެ އަތްމައްޗަށް ގޮސްފައިވާ ކަމަށް ބެލެވެއެވެ.

އެމެރިކާއާއި އިޒްރޭލުގެ ސަބަބުން ސަރަހައްދަށް އައިސްފައިވާ ބަދަލުތަކުގެ ތެރެއިން، އީރާނުގެ ނުފޫޒު ދަނީ ދުވަހަކު ދުވަހަކަށް ވަރުގަދަވަމުންނެވެ. އެމެރިކާއިން އިރާގަށް އެރި ހަނގުރާމައިގެ ސަބަބުން ސަރަހައްދުގައި އީރާނަށް ނުފޫޒު ފޯރުވުމަށް ފަހިވި ދޮރުތަކާއި، ނިއުކްލިއަރ އެއްބަސްވުމުން (ޖޭ.ސީ.ޕީ.އޯ.އޭ) އެމެރިކާ ވަކިވުމުގެ ސަބަބުން އީރާނަށް ދެވުނު ސިޔާސީ ބާރު މިކަމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ކުރިން ހީކުރެވުނު ގޮތާ ހިލާފަށް، އީރާން ބަލިކުރެވޭނެ އެއްވެސް ފޯމިއުލާއެއް އަދި ފެންނާކަށް ނެތެވެ. ސަރަހައްދީ ހަމަލާތަކާއި ޔޫރަޕަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކުގެ ސަބަބުން، އެމެރިކާގެ ސިޔާސީ ބާރަށްވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.

ނޭޓޯގެ މެމްބަރު ގައުމުތައް ވެސް ދަނީ ތަފާތު ގޮތްގޮތުން ދެފުށް ފުށަށް ޖެހެމުންނެވެ. ޔޫކްރައިން ހަނގުރާމައަށް ދޭ ސަމާލުކަމާއި، އެތެރޭގެ އިގްތިސާދީ ދަތިކަން ވެސް ނޭޓޯއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ހިމެނެއެވެ. މިކަމުގެ ސަބަބުން އީރާނަށް ލިބިފައިވާ ފުރުސަތު ބޭނުންކޮށްގެން، އީރާނުން ދަނީ ސަރަހައްދުގައި ނުފޫޒު ފުޅާކުރަމުންނެވެ.

ޔަމަނާއި، އިރާގާއި، ސީރިއާގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާޢަތްތައް ވަނީ ކުރިއަށްވުރެ ވަރުގަދަވެ، އެމެރިކާގެ ސިޔާސަތުތަކަށް އުނދަގޫތަކެއް ކުރިމަތިކުރުވާފައެވެ. އެމެރިކާއަށް ކުރިން އޮތް ބާރު މިހާރު ނެތުމުގެ ސަބަބުން، އީރާނުގެ ކުރިމަތީގައި އެމެރިކާ ދަނީ ކޮޅުނެތް ކޮޅަށް ނިކަމެތިވަމުންނެވެ.

ހަނގުރާމައިގެ މަސްރަހު ބަދަލުވަމުން މިދާގޮތުން، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ދަނީ ޔަހޫދީންގެ މައްޗަށް މަޑުމަޑުން ނަމަވެސް ކާމިޔާބުތަކެއް ހޯދަމުންނެވެ. ލުބުނާނަށް އަރައިގަތުމަށް ދިޔަ ޔަހޫދީ ލަސްކަރު މިހާރު ވަނީ ވަކި ހިސާބެއްގައި ތާށިވެފައި ކަމަށް، ލުބުނާނުގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓުކޮށްފައިވެއެވެ. ޔަހޫދީ ލަސްކަރަށް އިތުރަށް ކުރިއަށް ދެވޭގޮތެއް ފެންނަން ނެތުމުން، މިހާރު ވަނީ ވައިގެ ހަމަލާތައް ދޭން ފަށާފައެވެ. މިއީ ލުބުނާނުގެ ބިމު މައްޗަށް އަރައިގަތުމަށް ދިޔަ އިޒްރޭލު ސިފައިންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ހިޒްބުﷲ ގެ ހަނގުރާމަވެރިންގެ ފަރާތުން ކުރިމަތިވި ވަރުގަދަ ކުރިމަތިލުމްތަކުގެ ސަބަބުން އިޒްރޭލު ސިފައިން ވަނީ އިތުރަށް ކުރިއަށް ނުދެވޭ ގޮތްވެ، އެމީހުންގެ އަމަލީ ރޭވުންތައް ބަދަލުކުރުމަށް މަޖުބޫރުވެފައެވެ. މިކަންތައްތަކުން ދައްކައިދެނީ، ސަރަހައްދުގައި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ބާރު ދަނީ އިތުރުވަމުން ކަމެވެ. ލުބުނާނުގައި އިޒްރޭލަށް ކުރިމަތިވަމުންދާ މި ނާކާމިޔާބީތަކުގެ ސަބަބުން ސަރަހައްދުގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވެ، މި ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުންތައް އިތުރުވެދާނެ ކަމަށް ބެލެވެއެވެ.

މިހަނގުރާމައިން ބޯދަމައިގަންނާނެ އެއްވެސް މަގެއް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނުފެންނަ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ. މެދުއިރުމަތީގައި އޭނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކުޑަ ގޮންޖެހުންތަކެއް ނޫނެވެ. އީރާނުން އޮތީ ދޫދޭ ގޮތަކަށް ނޫންކަން އެމެރިކާއަށް ވަނީ ސާފުކޮށް ދައްކުވައިދީފައެވެ. އެމެރިކާއިން އެތައް އަހަރުން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމާއި، އީރާނުގެ ނުފޫޒު ކުޑަކުރުމަށް ކުރި މަސައްކަތްތައް ފެއިލްވެފައިވާކަން މިހާރު ވަނީ ސާފުވެފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު