
އޭއައި އިން އުފެއްދި ދޮގު ފޮޓޯއެއްގެ ހަގީގަތް: މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިއްމުކަން
އޭއައި އިން އުފެއްދި ދޮގު ފޮޓޯއެއްގެ ހަގީގަތް: މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިއްމުކަން
މީސްމީޑިއާގައި، ފޮޓޯއެއް ދައުރުވެ، އެތައް ބަޔަކު ވަނީ އެ ފޮޓޯއަށް ތަފާތު ގޮތްގޮތަށް އިޖާބަ ދީފައެވެ. މި ފޮޓޯގައި ފެންނަނީ ކުޑަކުއްޖެއްގެ ގައިގަ ބައްދާލައިގެން މަރުވެފައި އޮތް ކަމަށް ބެލެވޭ އަންހެނެކެވެ.
އިއްޔެއިން ފެށިގެން އެކި ގޮތްގޮތަށް ދައުރުވަމުންދިޔަ މި ފޮޓޯ ވަނީ އެތައް ހިތްތަކެއްގައި ހިތާމަ އުފައްދާފައެވެ. ހާއްސަކޮށް މީސްމީޑިއާގެ ތެރެއިން މި ފޮޓޯ ވަރަށް ބާރަށް ފެތުރިގެން ދިޔައިރު، ގިނަ ބަޔަކު މިކަމަށް ތަފާތު ގޮތްގޮތަށް އިޖާބަ ދިނެވެ. ޝައުގުވެރިކަމާއެކު މި ފޮޓޯއަށް ބަލައި، ލަދުވެތި އިހުސާސާއެކު ދުޢާ ކުރި ފަރާތްތަކަށް ވެސް މަދެއް ނޫނެވެ. މީސްމީޑިއާގައި މި ފޮޓޯ ދައުރުކުރި ގިނަ ފަރާތްތަކުން މި ފޮޓޯއާއެކު ލިޔެފައިވާ ލިޔުންތަކުގައި، ހާއްސަކޮށް މިފަދަ ހިތާމަވެރި ހާދިސާތަކުގައި އިހުސާސްތައް ދިރިގެންދާނެހެން އެތައް ލަފްޒުތަކެއް ބޭނުންކޮށްފައި ވެއެވެ. މިފަދަ ތަސްވީރުތަކަކީ އާންމުންގެ އިހުސާސްތަކަށް ނުފޫޒު ފޯރުވައި، ބައެއްފަހަރު ނާޖާއިޒު ފައިދާ ނެގުމަށް ވެސް ބޭނުންކުރެވިދާނެ ތަކެއްޗެވެ.
ދޮގުވާހަކަތައް ތެދަށްވުރެން ބޮޑަށް މީހުންގެ މެދުގައި މަގުބޫލުވުމަކީ ފަހުޒަމާނުގެ އަލާމާތެކެވެ. މިޒަމާނުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުމާއެކު، ހަގީގީ ތަސްވީރުތަކާއި ވީޑިއޯތަކާ ވަރަށް އެއްގޮތް ދޮގު މައުލޫމާތު އުފެއްދުމުގެ ގާބިލިއްޔަތު ވަނީ ބޮޑުވެފައެވެ. މިފަދަ ދޮގު މައުލޫމާތުތަކުން މުޖުތަމަޢަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިދާނެއެވެ. އޭގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލި، އިޖުތިމާޢީ ހަމަޖެހުން ނަގާލެވި، ބައެއް ފަހަރު ކޯޅުންތަކާއި ފިތުނަ ފަސާދަ ވެސް އުފެދިދާނެއެވެ. މިފަދަ ފޮޓޯތަކުން ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތްކުރާ ފަރާތްތަކުން، މީހުންގެ އިހުސާސްތަކަށް ނުފޫޒު ފޯރުވައި، އެމީހުން ބޭނުންވާ މަގަށް ކަންތައްތައް ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ފުރުސަތު ބޮޑެވެ. މިކަމުގެ ސަބަބުން އޮޅުވާލުންތަކާއި، ހަގީގަތާ ޚިލާފު ކަންކަން ފެތުރުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.
އިސްލާމް ދީނުގައި ދޮގު ހެދުމާއި، ދޮގު މައުލޫމާތު ފެތުރުމަކީ ކުށްވެރި ކުރާ ކަމެކެވެ. ހަމަ ފެންނަހާ އެއްޗަކަށް އާމީން ކިޔައި ހެޔޮދުޢާ ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. މީހަކު ހަދާފައިވާ ސޫރައެއްސިފަވާއެއްޗަކަށް ހެޔޮދުޢާ ކުރުމަކީ ޔަގީނުންވެސް ބޮޑު ފާފައަކަށް ނޫނީ ނުވާނެއެވެ. ނަމަވެސް ނޭނގުމަކީ އުޒުރެކެވެ. އެހެންނަމަވެސް، މިފަދަ ޒަމާނެއްގައި ހަގީގަތް ބެލުމަކީ ރަނގަޅު ގޮތްކަމަށް ގަބޫލުކުރެވެއެވެ. ކޮންމެ މީހަކަށް ވެސް މައުލޫމާތު ލިބޭ މަގުތައް ގިނަވެފައިވާ މި ދުވަސްވަރު، އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. ޚާއްސަކޮށް އިހުސާސީ މައުލޫމާތުތައް ނުވަތަ ފޮޓޯތައް ފެންނަ ހިނދު، އެކަންކަމުގެ ހަގީގަތް ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދީނީ ގޮތުން ވެސް އަދި އިޖުތިމާޢީ ގޮތުން ވެސް މިއީ އެންމެ ރަނގަޅު ގޮތެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ ބާރުވެރިކަން ދުވަހަކު ދުވަހަކަށް އިތުރުވެގެން އަންނައިރު، މިފަދަ ދޮގު މައުލޫމާތުތަކުން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެން ހޭލުންތެރިވެ، ބުއްދިވެރިކަމާއެކު އަމަލުކުރުން މުހިއްމެވެ. ފެންނަ ކޮންމެ އެއްޗަކީ ތެދު ކަމަށް ބަލައިގަތުމުގެ ބަދަލުގައި، ސުވާލުކޮށް، ހަގީގަތް ހޯދުމަށް މަސައްކަތް ކުރުމަކީ މިޒަމާނުގައި ކޮންމެ މީހަކަށް ވެސް އާލާކުރަންޖެހޭ ސިފައެކެވެ. މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅެވެ. މިގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢު ދޮގު މައުލޫމާތުން ރައްކާތެރިކޮށް، ހަގީގަތް ދިރުވުމަށް އެންމެން ވެސް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.



