
މައިންބަފައިންގެ ޙައްޤު: ދިރިއުޅުމުގެ އުފާވެރިކަމަށްޓަކައި އަދާކުރަންޖެހޭ އަސާސީ ވާޖިބެއް
އިންސާނީ ދިރިއުޅުމުގައި، މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުމަކީ، ބާރުގަދަ އަދި މުޤައްދަސް ގުޅުމެކެވެ. މި ގުޅުމަކީ ހަމައެކަނި ލޭގެ ގުޅުމެއް ނޫނެވެ؛ އެއީ ދިރިއުޅުމުގެ ކޮންމެ ފިޔަވަޅަކުންވެސް ފެނިގެންދާ، ޤުރުބާނީއާއި ލޯބީގެ އަމިއްލަ މިސާލެކެވެ. ނަމަވެސް، މިޒަމާނުގައި، އަމިއްލަ ދިރިއުޅުން ފެށުމަށްފަހު، ނުވަތަ ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު މައިންބަފައިން ބާކީކޮށް، އެކަހެރިކޮށްލާ ދަރިން މަދެއް ނޫނެވެ. މިއީ ހަމައެކަނި މައިންބަފައިންނަށް ކުރެވޭ ބޮޑު އަނިޔާއެއް ނޫން، އެއީ އިންސާނިއްޔަތަށް ކުރެވޭ ނުބައިކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ތިބާ ގަރުބަ ގަތިއްސުރެ މިއަދާ ހަމައަށް، ކުޑަވެސް އުނިކަމެއް ނެތި ލޯބިދިނީ ތިބާގެ މައިންބަފައިންނެވެ. އެބައިމީހުންގެ ހަށިގަނޑުން ތިބާގެ ދިރިއުޅުމަށް ފުރިހަމަކަން ގެނެސްދިނުމަށް، އެތައް ވޭނަކާއި ތަކުލީފެއް އުފުލިއެވެ. ތިބާއަށްޓަކައި އެބައިމީހުން ދިރިއުޅުމުގެ ހުރިހާ އުފާތަކާއި ފަސޭހަތަކެއް ޤުރުބާންކުރިއެވެ. އެއީ ތިބާގެ ދިރިއުޅުން އުޖާލާކުރުމަށް އެބައެއްގެ ހުރިހާ އުފާތައް ޤުރުބާންކުރި ދެ ފަހުލާވާނުންނެވެ. ތިބާގެ ދިރިއުޅުމުގެ މޭސްތިރިންނެވެ. ތިބާ މިއަދު ތިހުރި ހިސާބަށް އާދެވުމުގެ އަސްލެވެ. އެބައިމީހުންގެ ޤުރުބާނީގެ އަގު އުމުރު ދުވަހު މަސައްކަތް ކުރިޔަސް އަދާނުކުރެވޭނެއެވެ.
ބައެއް ފަހަރު، މައިންބަފައިންނަށްޓަކައި ދޭންޖެހޭ އިޙުތިރާމާއި ލޯބި، ދިރިއުޅުމުގެ ބައިވެރިޔާއަށްޓަކައި ދޫކޮށްލާފައި އެކަހެރިކޮށްލާ މަންޒަރު ފެނެއެވެ. މިއީ އެއްވެސް އިރެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ދިރިއުޅުމުގެ ބައިވެރިޔާއަކީ ތިބާގެ ދިރިއުޅުމުގެ މުހިންމު ފަރާތެއް ނަމަވެސް، މައިންބަފައިންގެ ދައުރަކީ އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ދައުރެކެވެ. މައިންބަފައިންގެ ލޯތްބަކީ ޝަރުޠެއް ނެތް ލޯތްބެކެވެ. އެބައިމީހުން ތިބާ ދެކެ ލޯބިވީ ތިބާގެ ދިރިއުޅުމަށް އެއްވެސް މަންފާއެއް ނުލިބޭ ހާލުގައެވެ.
"މައިންބަފައިންގެ ހިތުގައި ޖައްސައިފި ދަރިއަކަށް އުފަލަކު ނޫޅެވޭނެއެވެ!" މި ބަސްފުޅަކީ ވަރަށް ބާރުގަދަ ބަސްފުޅެކެވެ. މައިންބަފައިންގެ ހިތުގައި ޖައްސައި، އެބައިމީހުންނަށް ދެރަގޮތެއް ހަދައިފިނަމަ، ދިރިއުޅުމުގެ އުފާވެރިކަން ގެއްލި، ހިތްދަތިކަމާއި ކުއްވެރިކަމުގެ ތެރޭގައި ދިރިއުޅެން ޖެހިދާނެއެވެ. މައިންބަފައިންގެ ދުޢާއަކީ ދިރިއުޅުމަށް ބަރަކާތް ލިބޭނެ އެންމެ ބޮޑު ސަބަބުކަމުގައި ވެއެވެ. އެހެންކަމުން، އެބައިމީހުންގެ ހިތްހަމަޖެއްސުމަށް މަސައްކަތްކުރުމަކީ، ތިބާގެ ދިރިއުޅުން އުފާވެރިކަމުން ފުރާލެވޭނެ ގޮތެކެވެ.
ދުނިޔޭގައި ހުރި ދުވަހު ތިބާގެ ހިޔާވަހިކަން މައިންބަފައިންނަށް ދޭށެވެ. ތިބާގެ އޯގާތެރި ފިރުމުންތަކާއި ލޯބި މައިންބަފައިންނަށް ހައްޤެވެ. އެބައިމީހުން ދުވަސްވުމުން، އެބައިމީހުންނަށް ބޭނުންވާ އެހީތެރިކަމާއި ފަރުވާ ދިނުމަކީ ކޮންމެ ދަރިއެއްގެ ވެސް ވާޖިބެކެވެ. އެބައިމީހުންނަށް އިޙްތިރާމްކޮށް، އެބައިމީހުންގެ ބަސް އަޑުއަހައި، އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމަކީ، އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ހަމައެކަނި ފައިސާގެ އެހީއެއް ނޫނެވެ؛ އެބައިމީހުންނާއެކު ވަގުތު ހޭދަކޮށް، ވާހަކަ ދައްކައި، އެބައިމީހުންގެ އެކަހެރިކަން ފިލުވައިދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ކުރުގޮތަކަށް ދަންނަވާނަމަ، މައިންބަފައިންގެ ޙައްޤަކީ އަޅުގަނޑުމެންގެ މައްޗަށްވާ އެންމެ ބޮޑު އަސާސީ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ އެއް ވާޖިބެވެ. އެބައިމީހުންނަށް ކޮށްދެވޭ ކޮންމެ ކަމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމަށް އުފާވެރިކަމާއި ބަރަކާތް ގެނެސްދޭނެ ކަމެކެވެ. ދިރިއުޅުމުގެ ބައިވެރިޔާއަށްޓަކައި ނުވަތަ އެހެން ކޮންމެ ސަބަބަކާ ހެދި ނަމަވެސް، މައިންބަފައިން ބާކީކޮށް ނުލާށެވެ. އެބައިމީހުންނަށް ލޯބިދީ، ހިތްހަމަޖައްސައިދީ، އެބައިމީހުންގެ ހިޔާވަހިކަން ދިނުމަކީ ދަރިންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އެގޮތުން، އަޅުގަނޑުމެންނަށް މި ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަން ލިބިގެންދާނެއެވެ.



