
އެންމެ މަސްލަހަތު ރަނގަޅުގޮތަކީ އިތުބާރުނުކުރާ ސަރުކާރެއް އޮތުމުގެ ބަދަލުގައި އިސްތިއުފާދެއްވުން: ކުރީގެ ނައިބު ރައީސް ފައިސަލް
އެންމެ މަސްލަހަތު ރަނގަޅުގޮތަކީ އިތުބާރުނުކުރާ ސަރުކާރެއް އޮތުމުގެ ބަދަލުގައި މިވަގުތު ހުރި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވުން ކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ފައިސަލް މިފަދައިން ވިދާޅުވީ، އިއްޔެ ބޭއްވި އިންތިހާބުގައި މިހާތަނަށް އާންމުކުރި ނަތީޖާއިން ދައްކާ ގޮތުގައި، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީން ވަނީ ދިފާއުކޮށް، މައި ދެ އިންތިހާބުކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ގިނަ ބަޔަކު ވޯޓުދީފައިވާތީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ފައިސަލް ވިދާޅުވީ، ބޮޑު އިންތިހާބެއް ނިމިގެން ދިޔައިރު ފެނުނީ ވެރިކަންކުރާ ޕީއެންސީން އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މުޅި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި މަންޒަރު ކަމަށާއި، އެތައް ހާސް ބަޔަކަށް ވަޒީފާދިނުމާއި، އެތައް ސަތޭކަ މަޝްރޫއެއް އިންތިހާބު ކާމިޔާބުކުުރުމުގެ ބޭނުމުގައި ފެއްޓުމާއި، އަދި މުޅި ސަރުކާރު އެއްކޮށް ނިކުމެ މަސައްކަތްކުރި ތަން ކަމަށެވެ.
ފައިސަލް ވިދާޅުވީ އިދިކޮޅުގައި ތިބެ، އެމްޑީޕީން މި ހުރިހާ ދަތިތަކާއެކުވެސް މަސައްކަތްކޮށް ކާމިޔާބު ހޯދައިފައިވާކަމަށެވެ. އަދި އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓަކީ ސަރުކާރަށް އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ނެގި ވޯޓެއްގެ ގޮތުގައި ސިފަކުރެއްވައި ފައިޞަލް ވިދާޅުވީ، ބޮޑު ތަފާތަކުން ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށެވެ.
ފައިސަލް ވިދާޅުވީ މި އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރި އެންމެހާ ކަންތަކާއި އެކުވެސް، ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ އެންޑީޕީގެ ލީޑަރޝިފް އެކަތިގަނޑަކަށްވެ ކުރެއްވި ނަމޫނާ މަސައްކަތުން، ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ.
އަދި މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށާއި، ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއެކު ބަސް ބުނެފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާތައް ދައްކާގޮތުން އެމްޑީޕީން ވަނީ މާލެ ސިޓީ، ކުޅުދުއްފުށިސިޓީ، ތިނަދޫސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މޭޔަރު ގޮނޑި ކާމިޔާބުކޮށްފައެވެ.

