
ރެއާލް މެޑްރިޑްގެ ކުޅުންތެރިޔަކު ނުހިމަނައި، ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑު ތާރީޚީ ގޮތެއްގައި އިއުލާންކޮށްފި
މިއަހަރު ބާއްވާ ފިފާ ވޯލްޑް ކަޕަށް ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމު އެކުލަވާލާފައިވާ ސްކޮޑު އިޢުލާންކޮށްފައިވާއިރު، އެ ސްކޮޑުގައި ސްޕެއިންގެ އެންމެ ކާމިޔާބު ކްލަބު، ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިޔަކު ހިމެނިފައެއް ނުވެއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ސްޕެއިން އެ މުބާރާތުގައި ރެއާލްގެ ހިއްސާއެއް ނެތި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ނިންމުމަކީ ފުޓްބޯޅަ ދުނިޔޭގައި ބޮޑު ސަމާލުކަމެއް ދީފައިވާ ކަމެކެވެ.
މިހާތަނަށް ސްޕެއިން ވޯލްޑް ކަޕަށް 16 ފަހަރު ކޮލިފައިވެފައިވާއިރު، ކޮންމެ ފަހަރަކު ވެސް އެ ޓީމުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ހިމެނިފައިވެއެވެ. މި ފަހަރުގެ ސްކޮޑު އެކުލަވާލުމުގައި ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަފުއެންޓޭ އެޅުއްވި މި ތާރީޚީ ފިޔަވަޅުގެ ސަބަބުން، ކުރިއަށް އޮތް ވޯލްޑް ކަޕްގައި ސްޕެއިންގެ ކުޅުމަށް އަންނާނެ ބަދަލުތަކަށް އެތައް ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. ރެއާލްގެ ހިއްސާއެއް ނެތި ސްޕެއިންއިން ބޮޑު މުބާރާތެއް ކުޅުނު އެންމެ ފަހުގެ ތާރީޚަށް ބަލާއިރު، ޖޫން، ޖުލައި 2021 ގައި ބޭއްވި ޔޫރޯ 2020 އާއި 1920 ވަނަ އަހަރުގެ އޮލިމްޕިކްސް ގޭމްސް ފާހަގަކޮށްލެވެއެވެ.
ވޯލްޑް ކަޕް ސްކޮޑަށް ކުޅުންތެރިން ހޮވުމަށް ލަފުއެންޓޭ އެކުލަވާލި 50 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި، ރެއާލް މެޑްރިޑްގެ ތިން ކުޅުންތެރިން ހިމެނިފައިވިއެވެ. އެއީ ޑީން އައިސެން (ހޮއިސަން) އާއި ފްރާން ގާސިއާ އަދި ގޮންޒާލޯ ގާސިއާއެވެ. ނަމަވެސް، ޕްރިލިމިނަރީ ސްކޮޑުން ފައިނަލް 26 ކުޅުންތެރިންގެ ސްކޮޑަށް ކުޅުންތެރިން ހޮވުމުގައި، މި ތިން ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިޔަކަށް ޖާގައެއް ލިބިފައެއް ނުވެއެވެ. މިއީ ރެއާލްގެ ކުޅުންތެރިންނަށް މިއަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިގެންދިޔަ ކަމެކެވެ.
ޕްރިލިމިނަރީ ސްކޮޑުގައި ވެސް ލަފުއެންޓޭ ނުހިމަނާފައިވާ ކުޅުންތެރިއަކީ ރެއާލް މެޑްރިޑްގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ޑެނީ ކާވަހާލެވެ. ލަފުއެންޓޭގެ ކޯޗުކަމުގެ ދަށުން ސްޕެއިންއަށް ޔޫރޯ 2024 ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކާވަހާލަށް، އެ އަހަރުގެ އޮކްޓޯބަރު މަހު ކުރިމަތިވި ބޮޑު އަނިޔާއަކަށް ފަހު، އޭނާގެ ކުޅުމަށް ބަދަލުތަކެއް އައިސް، ކުރިން ހުރި ފޯމު ގެއްލިގެން ދިޔައެވެ. އުމުރުން 34 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ރެއާލް މެޑްރިޑް ދޫކޮށްލުމަށް ވެސް ނިންމާފައެވެ. ކާވަހާލް ފަދަ ތަޖުރިބާކާރު ކުޅުންތެރިއެއް ސްކޮޑުގައި ނުހިމެނުމަކީ ޓީމަށް ކުރާނެ އަސަރަކާ މެދު ސުވާލު އުފައްދާ ކަމެކެވެ.
ރެއާލް މެޑްރިޑްގެ ކުޅުންތެރިން ސްކޮޑުގައި ނުހިމެނުނު ނަމަވެސް، އެ ކްލަބުގެ ވާދަވެރި ބާސެލޯނާއިން ވަނީ ސްޕެއިންގެ ސްކޮޑަށް ގިނަ ކުޅުންތެރިން ފޮނުވާފައެވެ. ސްޕެއިންގެ ފައިނަލް ސްކޮޑުގައި ބާސެލޯނާގެ 8 ކުޅުންތެރިން ހިމެނެއެވެ. އެއީ ކީޕަރު ހުއާން ގާސިއާ، ޑިފެންޑަރުން ކަމަށްވާ ޕައު ކުބާސީ، އެރިކް ގާސިއާ، މިޑްފީލްޑަރުން ކަމަށްވާ ޕަބެލޯ ގަވީ، ޕެޑްރީ ގޮންޒާލޭޒް، އަދި ފޯވާޑުން ކަމަށްވާ ލަމީން ޔަމާލް، ފެރާން ޓޯރޭޒް އަދި ޑެނީ އޮލްމޯއެވެ. އެއް ކްލަބަކުން މިހާ ގިނަ ކުޅުންތެރިން ހިމެނުމަކީ ޓީމުގެ ކެމިސްޓްރީއަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެންނެވެ. ސްޕެއިން ވާދަކުރާނީ ގުރޫޕް އެޗްގައެވެ. މި ގުރޫޕްގައި ސްޕެއިންގެ އިތުރުން ހިމެނެނީ އުރުގުއޭ، ސައުދީ އަރަބިއާ އަދި ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކުރާ ކޭޕް ވާޑޭއެވެ. ސްޕެއިންގެ ފުރަތަމަ މެޗު ކުޅޭނީ އަންނަ މަހު 15 ވަނަ ދުވަހު އެމެރިކާގައެވެ. ސްޕެއިންގެ މި އާ ސްކޮޑާއެކު މި ގުރޫޕްގައި ވާދަވެރި މެޗުތަކެއް ފެނިގެންދާނެ ކަމަށް ވަނީ އުންމީދުކުރެވިފައެވެ.
އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން، ސްޕެއިން ވޯލްޑް ކަޕަށް ފޮނުވާފައިވާ މި ސްކޮޑަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ސްކޮޑެކެވެ. ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކު ނުހިމެނި ވޯލްޑް ކަޕް ކުޅުމަށް ނިންމުމަކީ ކޯޗު ލުއިސް ޑެ ލަފުއެންޓޭގެ ފަރާތުން ފެނުނު ހިތްވަރުގަދަ ނިންމުމެކެވެ. މި ނިންމުމުގެ ސަބަބުން ސްޕެއިންގެ ފުޓްބޯޅައިގެ ފެންވަރަށް ނުވަތަ ޓީމުގެ ކާމިޔާބީއަށް ކޮން ބަދަލެއް އަންނާނެކަން އެނގޭނީ ކުރިއަށް އޮތް މުބާރާތުންނެވެ. އެހެންނަމަވެސް، މި ފަހަރުގެ ސްކޮޑާއެކު ސްޕެއިންއިން ދައްކާނެ ކުޅުމަށް އެތައް ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.



