ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު: ރީ-ރަޖިސްޓްރީވުމުގެ މުއްދަތު މިއަދު ހަވީރު 4 އަކަށް ހަމަވަނީ
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރަކަށް ދިޔަ ދާއިރާތަކަށް ވޯޓުލާ ފަރާތްތަކުން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތު އޮންނާނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
މި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބު އޮންނާނީ ހއ. ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަނު، ލ. މާވަށް އަދި ފުވައްމުލައް ސިޓީގައެވެ. ދެވަނަ ބުރުގައި ވޯޓުލުން އޮންނާނީ:
ބ. ދޮންފަނު: އަންހެނުންނަށް ޚާއްޞަ ގޮނޑި.
ފުވައްމުލައް ސިޓީ (ދަޑިމަގު ދާއިރާ): އަންހެނުންނަށް ޚާއްޞަ ކައުންސިލަރު ގޮނޑި.
WDC އިންތިޚާބު: ހއ. ކެލާ (ރައީސް)، ހދ. ނޭކުރެންދޫ އަދި ލ. މާވަށް (މެންބަރުން).
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ފުރަތަމަ ބުރުގައި މާލެ ސަރަހައްދުގައި ރަޖިސްޓްރީވި ފަރާތްތައް މި ބުރުގައިވެސް ތިބޭނީ މާލޭގައެވެ. ނަމަވެސް، އިންތިޚާބު ބާއްވާ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައި ތިބި މީހުން މިހާރު ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ. އެހެންކަމުން، މިހާރު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ނަމަ، މިއަދުގެ ވަގުތު ހަމަވުމުގެ ކުރިން ރީ-ރަޖިސްޓްރީވާން ޖެހޭނެއެވެ.
ރީ-ރަޖިސްޓްރީވުމަށް 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' (އީފާސް މެދުވެރިކޮށް) ބޭނުންކުރެވޭނެއެވެ. އީފާސް މެދުވެރިކޮށް ހުށަހަޅާނަމަ އައިޑީ ކާޑުގެ ކޮޕީއެއް ބޭނުމެއް ނުވާނެއެވެ. ރަޖިސްޓްރީވެފައިވާ ތަން ޗެކްކުރުމަށް 1414 އަށް އައިޑީ ކާޑު ނަންބަރު އެސް.އެމް.އެސް ކޮށްލުމުން މަޢުލޫމާތު ސާފުވާނެއެވެ.

