
ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް ގަތުލުއާންމު ހިންގާ އިޒްރޭލުގެ ދިފާއިގައި އީރާނާއި ދެކޮޅަށް ހަނގުރާމަށްދިނުމަށް ސައުދީއިން އެދެފި
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައިވާ ކަމުގެ ރިޕޯޓުތައް މިހާރު ވަނީ ފެންމަތިވެފައެވެ. މި ހަނގުރާމަ އަކީ މެދުއިރުމަތީގެ ސިޔާސީ މަންޒަރު އަލުން ބައްޓަން ކުރުމަށް ލިބުނު "ތާރީޚީ ފުރުސަތެއް" ކަމަށް ސިފަކުރައްވައި، އީރާނުގެ ނުފޫޒު ކުޑަކުރުމަށް ސައުދީން ބޭނުންވާ މިންވަރު މި ގޮވާލުމުން ވަނީ ދައްކުވައިދީފައެވެ. މިފަދަ ގޮވާލުމަކީ ސަރަހައްދީ ގުޅުންތަކަށް އަސަރުކޮށް، ހަމަނުޖެހުންތައް އިތުރުކުރުމުގެ ބިރު އޮތް ކަމެއްކަން ސިޔާސީ ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ވަލީއަހުދު މުހައްމަދު ބިން ސަލްމާން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއް "ތާރީޚީ ފުރުސަތެއް" ކަމަށް ސިފަކުރެއްވުމުގެ ފަހަތުގައިވަނީ ސައުދީ އަރަބިއްޔާގެ ދިގު މުއްދަތުގެ ސިޔާސަތުތަކެވެ. އީރާނަކީ އަރަބިއްޔާގެ ސަރަހައްދީ އެދުންތަކަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ދެކެއެވެ. ޔަމަން، ސީރިއާ، އިރާޤު އަދި ލުބްނާން ފަދަ ގައުމުތަކުގައި ދެ ގައުމުގެ މެދުގައި ހިނގާ ޕްރޮކްސީ ހަނގުރާމަތަކަކީ، ސަރަހައްދުގައި ނުފޫޒު ހިންގުމަށް ހިނގަމުންދާ ބޮޑެތި ކުރިމަތިލުންތަކުގެ ހެކިތަކެވެ. ވަލީއަހުދުގެ މި ގޮވާލުމުން ދައްކުވައިދެނީ، އީރާނުގެ ސިޔާސީ އަދި އަސްކަރީ ނުފޫޒު ކުޑަކޮށް، ސައުދީ އަރަބިއްޔާގެ އިސްކަންދޭ އުސޫލުތަކަށް އެ ސަރަހައްދު ބައްޓަންކުރުމަށް ސައުދީން ކުރާ ބޮޑު އެދުމެވެ.
މީގެ އިތުރުން، އިޒްރޭލާއި އީރާނާ ދެމެދު އޮތް ޒަމާނުއްސުރެ ހުރި ހަމަނުޖެހުންތަކަކީ ވެސް މި ކަމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ސަރަހައްދުގައި އީރާނުގެ ނުފޫޒު ފުޅާވުމަކީ އިޒްރޭލަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދެކެއެވެ. އެހެންކަމުން، އީރާނަށް ދެކޮޅަށް އެމެރިކާ އަދި ސައުދީ އަރަބިއްޔާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އިޒްރޭލަށް ވަރަށް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.
މެދުއިރުމަތީގެ ސަރަހައްދު މިހާރުވެސް ހަލަބޮލިކަމެއްގެ ތެރޭގައި އޮތްއިރު، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނަތީޖާ ވަރަށް ނުރައްކާތެރިވެދާނެ ކަމަށް ބެލެވެއެވެ. މިފަދަ ކަމެއް ސައުދީގެ އެއްބާރުލުމާއި އެކު ކުރިއަށްދާނަމަ ސައުދީއާއި ދެކޮޅަށް، އެހެން ގައުމުތަކުން ރައްދު ދިނުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން ސަރަހައްދުގައި ސުލްހަ އާއި އަމާންކަން ގެއްލި، އަންނަން އޮތް ޖީލުތަކަށް ވެސް ފުން އަސަރުތަކެއް ކުރެވިދާނެއެވެ.
ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ މި ގޮވާލެއްވުމުގެ ސީރިއަސްކަން ބޮޑެވެ. މެދުއިރުމަތީގެ ސިޔާސީ މަންޒަރަށް އަންނާނެ ބަދަލުތަކުގެ އިންތިހާ މިހާރުން މިހާރަށް ކަނޑައެޅުމަކީ އުނދަގޫ ކަމެކެވެ. އެމެރިކާގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ސަރަހައްދީ ގުޅުންތަކަށް އަންނަ ބަދަލުތަކާއެކު މިފަދަ ގޮވާލުންތަކުގެ ބާރު ކެނޑިދާނެ ކަމުގެ އިޝާރާތްތައް ވެސް އެބަހުއްޓެވެ.



