ސަރަނގު އާދަމް މަނިކުގެ ތާއީދު މޫސާ އަލީ ޖަލީލަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވި މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވާ ކަމަށް މާލޭގެ ފުރަތަމަ މޭޔަރު ކަން ކުރެއްވެވި ސަރަނގު އާދަމް މަނިކު މިއަދު ހާމަކުރައްވައިފިއެވެ.
މޫސާ އަލީ ޖަލީލަށް ތާއިދުކުރާކަން ހާމަކޮށް ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ މާލެއަށް މިވަގުތު އެންމެ ބޭނުންވަނީ މުސާ އަލީ ޖަލީލް ފަދަ ބޭފުޅެއް ކަމަށެވެ. އާދަމް މަނިކު ވިދާޅުވީ މާލެއަށް ކަންކަން ކޮށްދެވޭނެ ގާބިލުކަން ހުރި ބެފުޅަކަށް މިއަދު މާލެ އަށް ބޭނުންފުޅުވާ ކަމަށެވެ. ސިޔާސީ ވެގެން މާލެ ތަރައްގީ ނުކުރެވޭނެ ކަމަށާއި، މާލެ ތަރައްގީ ކުރެވޭނީ ސަރުކާރާއި ގުޅިފަ ހުންނަ މޭޔަރެއް މާލެ ސީޓީ ކައުންސިލްގައި ހުރެގެން ކަމަށެވެ.
މީގެ އިތުރުން އާދަމް މަނިކު ވިދާޅުވީ އޭނާއަކީ މާލެ މީހެއް ކަމަށާއި އެހެންކަމުން ލޯބި އޮންނަނީ މާލެއަށް ކަމަށެވެ. މި ފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ ޕާޓީގެ ކެނޑިޑޭޓަށް ތާއީދުކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ސަރަނގު އާދަމް ވިދާޅުވީ ރައީސް މުއިއްޒު މޭޔަރުކަން ކުރެއްވިއިރުގައި އެކަން ކުރެއްވީ ބޮޑު އެޖެންޑާއަކާއިއެކުގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފަހުން އެ ޕްރޮގްރާމް ހުއްޓިފައިވާ ކަމަށެވެ. ދެން އެހެން މީހަކު މޭޔަރުކަމަށް ވަޑައިގެން އެހެން ކަންތައްތަކެއް ކުރުއްވަން އުޅެމުންދާ ކަމަށް ވިދާޅުވިއެވެ.
މޫސާ ޖަލީލަށް އެންމެ ބޮޑަށް ތާއީދުކުރަނީ އެ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެތީ ކަމަށް ވިދާޅުވިއެވެ. ސަރުކާރާއި ގުޅިފައިވާ މޭޔަރަކަށް ނޫނީ މާލެއަށް ތަރައްގީ ނުގެނެސްދެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ފުރުސަތު އޮތީ މޫސާ ޖަލީލަށް ކަމަށާއި މޫސާ ޖަލީލަށް ދޭ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް ކަމަށް ވިދާޅުވިއެވެ.

