
ދަތިކުރުމުގެ ފިޔަވަޅުތަކާއި، އީރާނުން ހާސިލްކުރި ކާމިޔާބީ އަދި އޭގެ އަސްލު. ދުނިޔެއަށް ނަމޫނާއެއް
1978 ވަނަ އަހަރު އީރާނަށް އައި އިންގިލާބަށްފަހު، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ވެސް، އީރާނުން ވަނީ ގައުމީ ދިފާއާއި އަމިއްލަ ވަޒަންވެރިކަން ކަށަވަރުކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާވުމެއް ނެތި، އަމިއްލަ އުފެއްދުންތައް ގިނަކޮށް، ތައުލީމީ ދާއިރާ ކުރިއެރުވުމަށް އީރާނުން ދީފައިވާ އަހައްމިއްޔަތު ވަނީ ގައުމުގެ ކުރިމަގު ބައްޓަންކޮށްފައެވެ. މިހާލަތު ބަދަލުވަމުންދާ ދުނިޔޭގައި އީރާނަކީ ގައުމީ ސަލާމަތާއި ހިކްމަތްތެރިކަމުގެ ނަމޫނާއެއް ކަމަށް ވެގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.
އީރާނުގެ ތާރީޚަށް ބަލާއިރު، 1978 ވަނަ އަހަރުގެ އިންގިލާބަށްފަހު، އެ ގައުމު ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް، މި ހާލަތުގެ ތެރެއިން ވެސް އީރާނުން ވަނީ ގައުމުގެ މިސްރާބު ކަނޑައަޅައި، އަމިއްލަ ސިނާއަތްތަކާއި، އަސްކަރީ ގާބިލްކަން ކުރިއެރުވުމަށް ބޮޑު މަސައްކަތެއް ކޮށްފައެވެ. މި މަސައްކަތުގެ ބޮޑުބައެއް ކަމަށްވަނީ ތައުލީމަށް ދިން އަހައްމިއްޔަތެވެ. ގައުމުގައި އުފެއްދުންތެރި، އިލްމީ ގާބިލް ސިކުނޑިތައް އުފެއްދުމަށް ދީފައިވާ އިސްކަމުގެ ސަބަބުން، އީރާނަކީ މިއަދު ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ޕްރޮފެސަރުންނާއި ނިއުކްލިއާ ސައިންޓިސްޓުން ތިބި އެއް ގައުމެވެ. މި މޮޅެތި ސިކުނޑިތަކުގެ ބޭނުންކޮށްގެން، އީރާނުން ވަނީ މިސައިލް ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މި ކުރިއެރުންތަކަކީ މިއަދު ދުނިޔެ ސިއްސުވާލާފަވާ ކަންކަމެވެ.
އީރާނުން ވަނީ، ކުރިމަގުގައި އެ ގައުމަށް ދިމާވެދާނެ ހުރިހާ ގޮންޖެހުންތަކެއް ލަފާކޮށް، ގައުމީ ދިފާއަށް ބޭނުންވާ ހުރިހާ މަގެއް ކޮށާ ތައްޔާރުވެފައެވެ. އެއްވެސް ބަޔަކަށް ބަރޯސާ ނުވެ، ގައުމު ހަމަ މަގަށް އަޅުވަމުން އައިސްފައިވަނީ ވަރަށް ހިކްމަތްތެރިކަމާއެކީއެވެ. އީރާނުގެ ބާޒާރުގައި ގިނައިން ހުރީ އީރާނުން އުފައްދާފައިވާ އަމިއްލަ ތަކެއްޗެވެ. ޗައިނާ ފަދަ ގައުމުތަކުން އެތެރެކުރާ ވަރަށް މަދު އެއްޗެއް ފިޔަވައެވެ. މިއީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ވެސް އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް އެ ގައުމުން ކުރި މަސައްކަތުގެ ނަތީޖާއެވެ.
އީރާނަކީ ބިމުގެ މުއްސަނދިކަމާއި، ތެލުގެ މުއްސަނދިކަން ލިބިފައިވާ ވަރަށް ބޮޑު ގައުމެކެވެ. އެހެންކަމުން، އީރާނަށް ބޭނުންވާ ގިނަ ސާމާނު އުފެއްދުމަށް ބޭނުންވާ ތަކެތި ހޯދުމަކީ ދަތިކަމަކަށް ނުވެއެވެ. ނަމަވެސް، ޒަމާނީ ދުނިޔޭގައި ބޭނުންވާ މާލީ މުއާމަލާތްތަކުގެ ވަސީލަތްތައް ނެތުމަކީ އީރާނަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސްވިފްޓް ނިޒާމުން އީރާނު ބޭރުކޮށްލާފައިވުމާއި، އެމެރިކާގެ ޑޮލަރަކީ ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތްތައް ކުރާ ފައިސާއަށް ވުމުން، ގިނަ މުއާމަލާތްތައް ކުރަން ނުލިބި، އެނޫން ގޮތްތަކެއް ހޯދަން ޖެހިފައިވެއެވެ. މިހުރިހާ ދަތިތަކެއް ހުރި ނަމަވެސް، އީރާނު ހުއްޓައެއް ނުލައެވެ. ތެޔޮވެސް ބޭރުކޮށް، އޭގެ މަންފާ އެންމެ އެދެވޭ ގޮތުގައި ނުލިބުނު ކަމުގައި ވިޔަސް، އެ މަގުން ވެސް އާމްދަނީ ހޯދަމުން ދިޔައެވެ.
އީރާނުގެ ރައްޔިތުންނަކީ ބޮޑާ ކިބުރުވެރި ބައެއް ނޫނެވެ. އެއީ ހިތްހެޔޮ، އެކުވެރި ބަޔެކެވެ. އެމީހުން ވަނީ އެމީހުންގެ ހާލަތަށް ހަމަޖެހި، އުފަލުގައި ދިރިއުޅޭނެ ގޮތްތައް ހޯދާފައެވެ. މިއަދު އީރާނަކީ ވަރަށް އުނދަގޫ ހާލަތެއްގައި އޮތް ގައުމެއް ނަމަވެސް، ކުރިން އެޅި ދިފާއީ ސިޔާސަތުތަކުގެ ސަބަބުން، އެމީހުންނަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ވެސް ވަރަށް ވަރުގަދަ، އެ ގައުމުތައް ސިއްސުވާލާނެ ބަޔަކަށް ވެފައެވެ. އެމީހުންގެ މޮޅުކަމާއި ހިތްވަރާއި ސާބިތުކަމުގެ ސަބަބުންނެވެ. އެމީހުން ބޮޑެތި ބާރުތަކާ ކުރިމަތިލަމުންދަނީ އެމީހުންގެ އަތުން އުފެއްދި، އެމީހުންގެ އަމިއްލަ ހަތިޔާރުންނެވެ. މިއީ ގައުމެއްގެ ވަރުގަދަކަމާއި މިނިވަންކަން ދައްކުވައިދޭ މުހިއްމު ސަބަބުތަކެކެވެ. އީރާނަކީ މިއަދު ދުނިޔޭގެ ބާރުތަކުން ޖެހިލުންވާ ގައުމަކަށް ވެފައިވާއިރު، މިކަމުގެ އަސްލަކީ އީރާނުގެ މޮޅު ސިކުނޑިތަކާއި، ގައުމީ ދިފާއަށް ދީފައިވާ އިސްކަން ކަމީ ޔަގީން ކަމެކެވެ.



