އީރާނުން އިޒުރޭލުގެ ހައިފާ ބަނދަރަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި ކަމަށް ރިޕޯޓުތައް ބުނޭ
ދުނިޔެ

އީރާނުން އިޒުރޭލުގެ ހައިފާ ބަނދަރަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި ކަމަށް ރިޕޯޓުތައް ބުނޭ

ރރާޅު މީޑިއާ
March 26, 2026

އިރާނުން އިޒުރޭލުގެ މުހިންމު ބަނދަރެއް ކަމަށްވާ ހައިފާ ބަނދަރަށް ދިން ހަމަލާއެއްގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ. މި ހަމަލާއަށްފަހު ހައިފާ ބަނދަރުގެ މުހިންމު ހުރިހާ ތަނެއް އަޅިޔަށް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހައިފާ ބަނދަރަކީ އިޒުރޭލުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ބަނދަރުތަކުގެ ތެރޭގައި ހިމެނޭ އެއް ބަނދަރެވެ. މި ބަނދަރުގެ ޒަރީއާއިން އިޒުރޭލަށް ވަރަށް ގިނަ މުދާ އެތެރެކުރެވޭއިރު، އިޒުރޭލުގެ އިޤްތިޞާދަށް މުހިންމު ދައުރެއް އަދާކުރެއެވެ. ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، ޔަމަނުގެ ހޫޘީންގެ ހަމަލާތަކުގެ ސަބަބުން މި ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން، ބައިނަލްއަޤްވާމީ ބޯޓުދަތުރުތަކަށް ބުރޫއެރުމާއި، ބަނދަރުގެ ހަރަކާތްތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ލިބިފައިވާ ރިޕޯޓުތައް ބުނާ ގޮތުގައި، ހައިފާ ބަނދަރަށް ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ އީރާނުގެ ބާރުގަދަ މިސައިލްތަކާއި ޑްރޯންތަކެވެ. ހަމަލާ ފެށުނީ ވަރަށް ކުއްލިއަކަށެވެ. އެތަނުން ފެނުނު އަލިފާނުގެ ހުޅުގަނޑާއި ދުންގަނޑު ހައިފާގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކަމަށް އިޒްރޭލްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބަނދަރުގެ ތެޔޮ ރައްކާކުރާ ތަންތަނަށާއި، ކޮންޓެއިނަރު ޓާމިނަލްތަކަށާއި، މުދާ ހުސްކުރުމަށް ބޭނުންކުރާ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހަމަލާއިން ލިބުނު ގެއްލުންތަކުގެ ސަބަބުން ބަނދަރުގެ ހުރިހާ ހަރަކާތެއް ދިގު މުއްދަތަކަށް ހުއްޓާލާފައިވާ ކަމަށް އިޒުރޭލު ސަރުކާރުން ބުނެފައިވެއެވެ. މި ހަމަލާގައި މީހުންނަށް ވެސް އަނިޔާވެފައިވާ ކަމުގެ ރިޕޯޓުތައް ލިބެމުންދާއިރު، ސާފު ތަފާސްހިސާބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އީރާނުގެ ފަރާތުން މި ހަމަލާއާއި ގުޅިގެން ރަސްމީ ބަހެއް އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް، އީރާނުގެ ރަސްމީ ނޫސްތަކުން ބައެއް މީޑިއާ ރިޕޯޓުތައް ހަވާލާދީ ބުނާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އިޒުރޭލުން އީރާނުގެ މަސްލަހަތުތަކަށް ކުރި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އިޤްތިޞާދީ ގޮތުން ވެސް މި ހަމަލާގެ ނޭދެވޭ އަސަރުތައް ފެންނާނެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު