
ޕޫޓިންގެ އިންޒާރު އެމެރިކާއަށް: ޔޫކްރެއިންއަށް އެއްބާރުލުންދޭނަމަ އީރާނަށް މައުލޫމާތު ފޯރުކޮށްދޭން ޖެހިދާނެ!
އެމެރިކާ އިން ޔުކްރޭނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދޭ ނަމަ ރަޝިއާއިންވެސް އީރާނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް ބުނެ ރައީސް ޕޫޓިން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
ރަޝިއާ އިން އެމެރިކާ އަށް މި އިންޒާރު ދިނީ ނޭޓޯ އިން ޔުކްރޭނު ލައްވައި ރަޝިޔާ އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ރަޝިޔާގެ ތަންތަނަށް ދެމުންދާ ޙަމަލާ ތަކާއި ގުޅިގެން، އެކަމާއި މެދު ހިތްހަމަ ނުޖެހިގެންނެވެ. ރަޝިއާ އިން ތުހުމަތު ކުރަނީ ޔުކްރޭނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދެނީ އެމެރިކާއިން ކަމުގައެވެ.
ނަމަވެސް އެމެރިކާ ރައީސް ޓްރަމްޕްގެ އޮފީހުން ޕޫޓިންގެ މި ތުހުމަތުތައް ދޮގު ކުރެއެވެ. ޚުދު ނޭޓޯ އިންނާއި އީޔޫ އިން ވެސް ބުނަނީ ޔުކްރޭނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދީ ރަޝިޔާ އަށް ޙަމަލާ ދިނުމުގައި ޔުކްރޭނަށް އެހީތެރި ނުވާ ކަމަށެވެ. ނަމަވެސް ރަޝިޔާއިން މި ވާހަކަތައް ޤަބޫލެއް ނުކުރެއެވެ.
ޓްރަމްޕް ވަނީ އެމެރިކާ ނެތް ޙާލަތެއްގައި ޔޫރަޕަކީ އާރެއް ބާރެއް ނެތް ބައެއް ކަމަށް ބުނެ މީގެ ކުރިން ފާޑު ވެސް ކިޔާފައެވެ. ޚާއްޞަކޮށް ހުރްމުޒް އަލުން ހުޅުވުމަށް އޭނާ ކުރާ މަސައްކަތަށް އެހީތެރިވުމަށް ޔޫރަޕުން ދެކޮޅު ހެދުމުން ޓްރަމްޕް ހުރީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.



