
އެމްޑީޕީގެ އަމާޒަކީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުން: ކުރީގެ ރައީސް ޞާލިޙް
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، އެމީހުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީން އަބަދުވެސް އެންމެ އިސްކަންދޭ އެއް އަމާޒު ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ވެރިކަމުގައި މަސައްކަތްތެރިންގެ ހައްގުގައި ކުރެވުނު މުހިންމު ކަންތައްތަކަށް އަލިއަޅުވާލައްވަމުން ރައީސް ޞާލިޙް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅިގެންދިޔައީ އެމްޑީޕީގެ ސިޔާސަތުތަކުގެ ދަށުންނެވެ.
މީގެ އިތުރުން، ސަރުކާރު މުވައްޒަފުންނަށް ވިހެއުމާ ގުޅިގެންދޭ 6 މަސްދުވަހުގެ މެޓާނިޓީ ލީވް ތައާރަފްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖު ކަށަވަރުކޮށްދެވުނީވެސް އެ ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، މަސައްކަތުގެ މާހައުލަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައި އެޕާޓީ ދެމިތިބޭނެ ކަމަށެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރަމުންދާއިރު، މިއީ މަސައްކަތްތެރިންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެކެވެ.



