ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް، 3000 މެމްބަރުން ހަމަނުވެ އުވާލުމަށް ނިންމައިފި
ސިޔާސީ

ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް، 3000 މެމްބަރުން ހަމަނުވެ އުވާލުމަށް ނިންމައިފި

ނނާޒިމް
June 3, 2026

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ލާޒިމުކުރާ 3000 މެމްބަރުން ހަމަނުވާތީ، ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރެއްވި ފަރާތްތަކުން އެމަނިކުފާނަށްޓަކައި އުފެއްދި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަން މިއަދު ހާމަކޮށްފިއެވެ. މި ނިންމުމާއެކު ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރު މުއްދަތަކަށް ނަމަވެސް ބޮޑު މަޝްހޫރުކަމެއް ހޯދި މި ޕާޓީގެ ދަތުރު ނިމުމަކަށް އަންނަނީއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، ދަ ޑިމޮކްރެޓްސް އުވާލުމަށް ނިންމީ، ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެޕާޓީއަށް މެމްބަރުން ހަމަކުރެވިފައި ނުވާތީއެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެޕާޓީ އުނިކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ދަ ޑިމޮކްރެޓްސް އުފެދުނުގޮތް

ދަ ޑިމޮކްރެޓްސްއަކީ، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީ ޤަބޫލުފުޅު ނުކުރައްވައި، އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުފައްދައިގެން އުޅުމަށްފަހު، އެމަނިކުފާނަށް ތާޢީދުކުރި އޭރުގެ މަޖިލިސް މެމްބަރުން ގުޅިގެން އުފެއްދި ޕާޓީއެކެވެ. ރައީސް ނަޝީދު އޭރު ތުހުމަތު ކުރެއްވީ، އެމަނިކުފާނު ރިޔާސީ ޕްރައިމަރީން ބަލިވީ، އެމަނިކުފާނަށް ތާއީދު ކުރާ 39,000 އަށް ވުރެ ގިނަ މީހުން އެމްޑީޕީގެ ދަފްތަރުން އުނިކުރުމުން ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ރިޔާސީ ޕްރައިމަރީ ކާމިޔާބުވިޔަ ނުދިނުމަށް ރާވައިގެން ކުރިކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ފެކްޝަނުގެ ހަރަކާތްތަކަށްފަހު، ދަ ޑިމޮކްރެޓްސް ރަސްމީކޮށް އުފެއްދީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. މި ޕާޓީ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރައީސް ނަޝީދުގެ ސިޔާސީ ފިކުރު ދެމެހެއްޓުމާއި، އެމަނިކުފާނުގެ ސިޔާސީ ވާރިސެއްގެ ގޮތުގައި ހަރަކާތްތެރިވުން ކަމަށް ބުނެވުނެވެ.

އިންތިޚާބީ ނާކާމިޔާބީތަކުގެ ސިލްސިލާ

ދަ ޑިމޮކްރެޓްސް އުފެދުނުފަހުން އެ ޕާޓީއަށް ބޮޑެތި ތިން އިންތިޚާބެއްގައި ވާދަކުރެވުނެވެ. ނަމަވެސް އެއްވެސް އިންތިޚާބަކުން އެ ޕާޓީއަށް ބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިލްޔާސް ލަބީބު ވާދަކުރެއްވިއިރު، އެމަނިކުފާނަށް ލިބިފައިވަނީ އެންމެ 15,000 ވޯޓެވެ. މިއީ ޕާޓީގެ ސިޔާސީ ނުފޫޒު ދައްކުވައިދިން ކުޑަ އަދަދެކެވެ.

ރިޔާސީ އިންތިޚާބަށްފަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އެޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ސައިފް ފާތިހަށްވެސް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ. މިއީ ޕާޓީއަށް ލިބުނު ދެވަނަ ނާކާމިޔާބީއެވެ.

އަދި އެންމެ ފަހުން 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްގެ ޓިކެޓްގައި ވާދަކުރެއްވި އެއްވެސް ބޭފުޅަކަށް މަޖިލީހުގެ ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ. މީގެ ތެރޭގައި، އެމްޑީޕީދޫކޮށް ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި، ރައީސް ނަޝީދަށް ވަރުގަދަ ތާއީދެއް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުންވެސް ހިމެނެއެވެ. މި 13 މެމްބަރުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޖިލީހުގެ ގޮނޑިއެއް އަލުން ކާމިޔާބު ނުކުރެވުމަކީ ދަ ޑިމޮކްރެޓްސްގެ ސިޔާސީ ދައުރުގައި ލިބުނު އެންމެ ބޮޑު އެއް ނާކާމިޔާބީ އެވެ.

މެމްބަރުން އެނބުރި އެމްޑީޕީއަށް

ބޮޑު ތިން އިންތިޚާބުން އެއްވެސް އިންތިޚާބެއްގައި ދަ ޑިމޮކްރެޓްސްއަށް ކާމިޔާބެއް ނުލިބުމާއެކު، އެޕާޓީގެ މެމްބަރުންގެ މެދުގައި އުއްމީދު ގެއްލި، ގިނަ ބަޔަކު އެނބުރި އެމްޑީޕީއާ ގުޅެން ފެށިއެވެ. ޚާއްސަކޮށް، ކުރިން އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އާއި ގުޅުނު ގިނަ މެމްބަރުންތަކެއް ވަނީ އަލުން އެމްޑީޕީއަށް ސޮއިކޮށްފައެވެ.

މިކަމާ ގުޅިގެން، ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ. އެމަނިކުފާނު އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. މިހާރު އެމަނިކުފާނު ވަނީ މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާފައެވެ. ދަ ޑިމޮކްރެޓްސްގެ އާއްމު މެމްބަރުންގެ ގޮތުގައި ތިބި ގިނަ ބަޔަކުވެސް ވަނީ މިފަހަރު އެމްޑީޕީއާ އަލުން ގުޅިފައެވެ. މިއީ ދަ ޑިމޮކްރެޓްސްގެ ސިޔާސީ ދައުރު ނިމުމަކަށް އަންނަ ކަމުގެ އެންމެ ބޮޑު އެއް ނިޝާނެވެ.

ދަ ޑިމޮކްރެޓްސްގެ ދަތުރު ނިމުމަކަށް އަންނައިރު، މި ޕާޓީއަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގެ ވަކި ހިސާބަކުން ފެނިގެންދިޔަ، ހާއްސަ ގޮތެއްގައި އެމްޑީޕީގެ ތެރެއިން އުފެދުނު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވުނު ޕާޓީއެކެވެ. ރައީސް ނަޝީދުގެ ފިކުރަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދި ނަމަވެސް، ޤާނޫނު ލާޒިމުކުރާ މެމްބަރުންގެ އަދަދު ހަމަނުވުމާއި، އިންތިޚާބީ ގޮތުން ނާކާމިޔާބީތައް ތަކުރާރުވުމަކީ މި ޕާޓީގެ ދަތުރު ކުރުވީ ސަބަބުތަކެވެ. މިކަމުން ސިޔާސީ ޕާޓީތަކަށް މެމްބަރުން ހަމަކުރުމުގެ މުހިންމުކަމާއި، އާންމުންގެ ތާއީދު ހޯދުމުގެ ގާބިލްކަން ދައްކުވައިދެއެވެ. ދަ ޑިމޮކްރެޓްސް އުވާލުމާއެކު ދިވެހިރާއްޖޭގެ ސިޔާސީ މަންޒަރުގައި އިތުރު ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު