
އެމްޑީޕީގެ ޗެއަރޕާސަން ކެމްޕެއިންނަށް ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފި
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ކަމަށް ކުރިަތިލައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފި އެވެ. އެމަނިކުފާނަށް އައްޑޫ ސިޓީން ވަނީ މަރުހަބާ ދަންނަވާފަ އެވެ.
ރައީސް ނަޝީދު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އައްޑޫ ސިޓީގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރުން ކުރިއަށްދާނެ އެވެ. އަދި އިދާރީ ގޮތުން މިހާރު އައްޑޫ ސިޓީން ވަކިވެފައިވާ ހުޅުދޫ އަދި މީދޫއަށްވެސް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައިވެ އެވެ.
އެމްޑީޕީޗެ ހުސްވެފައިވާ ޗެއަރޕާސަންގެ މަގާމަށް މިވަގުތު ކުރިމަތިލައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މީކައިލް ނަސީމް އެވެ. ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 02 މެއި 2026 ވާ ބުދަ ދުވަހުގެ 14:00 ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
މިއިންތިޚާބުގައި ވޯޓް ލެވޭނީ 22 އޭޕްރިލްއާއި ހަމައަށް އެމްޑީޕީގައި ތިބި މެމްބަރުންނަށް އެކަންޏެވެ. އިންތިހާބުގެ ވޯޓްލުން އޮތީ 12 ޖުލައި 2026 ވަނަ ދުވަހުގެ 14:30 އިން 20:00 އަށެވެ.
މިވަގުތު މިމަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުންވެސް ދަނީ ފޯރިއާއި އެކު ކެމްޕެއިން ކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދު ރާއްޖޭގެ ރަށްތަކަށް ކެމްޕެއިންގައި ވަޑައިގަންނަވާއިރު މީކައިލް ގެންދަވަނީ މާލޭ، ހުޅުމާލެ ހިމެނޭހެން ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާއި ބައްދަލުކޮށް ކަންމަތީ ޖަލްސާތައް ބާއްވަމުންނެވެ.
އެމްޑީޕީއަކީ ޑިމޮކްރަސީގެ އަސާސްތަކާއި އެކު ގުޅިގެން މަސައްކަތް ކުރާ ޕާޓީއެއްކަން ފާހަގަކުރެވެ އެވެ.



