ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދިން ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންފި
ސިޔާސީ

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދިން ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންފި

ނނާޒިމް
April 20, 2026

ރިޔާސީ އިންތިހާބުތަކާ ގުޅިގެން ވޯޓު ހޯދުމުގެ މަގްސަދުގައި ވަޒީފާ ދީފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުތިރާފުވެވަޑައިގެންފި އެވެ. މިކަމަކީ ދައުލަތުގެ މުދަލާއި ވަގުތު ނަހަމަ ގޮތުގައި ބޭނުންކޮށް، ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ރައީސް މިކަން ހާމަކުރެއްވީ، ކުރިއަށް އޮތް ތަނުގައި ސިޔާސީ ގޮތުން ނުވަތަ ކެމްޕެއިނާ ދިމާކޮށް ވަޒީފާ ދިނުން ހުއްޓާލައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ދެން އެމަނިކުފާނު ވަޒީފާއެއް ނުދެއްވާނެ ކަމަށެވެ. "ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނިއްޔާ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް ރައްޔިތުން މިއޮތީ ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް ދެން އެނގޭތޯ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިހާރުން ފެށިގެން ވަޒީފާ ދިނުމުގައި އިއުލާނުކުރެވިގެން ކުރިމަތިލައި، ސީވީއަށް ބަލައި މެރިޓް ބޭސްކޮށް އަމަލު ކުރާނެ ކަމަށާއި، އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފަކު ނަގައިގެން ނުވާނެ ކަމަށެވެ. "އެ އުސޫލު ދެން މި ސަރުކާރުން ކުރިއަށްގެންދާނީ،" ރައީސް ހާމަކުރެއްވި އެވެ.

ސިޔާސީ މަންފާއެއް ހޯދުމަށް ނުވަތަ އިންތިހާބަކުން ވޯޓު ހޯދުމަށް ދައުލަތުން ނުވަތަ ސަރުކާރުން ވަޒީފާއެއް ދިނުމަކީ ގާނޫނާ ހިލާފު ކަމެކެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގައި ބަޔާންކޮށްފައިވާ ގޮތުގައި ރައީސްއަށް ބާރު ލިބެނީ، އެމަނިކުފާނުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމުގައި މަގާމުތައް އުފެއްދުމުގެ ބާރު އެކަންޏެވެ. ސިޔާސީ ކެމްޕެއިންތަކަށް ވަޒީފާ ދިނުމަކީ ގާނޫނު އަސާސީއާއި، އާންމު ހިދުމަތުގެ ގާނޫނު އަދި ކޮރަޕްޝަނާ ގުޅޭ ގާނޫނުތަކާ ހިލާފު އަމަލެކެވެ. މިފަދަ ކަންކަމަކީ ހަމަހަމަ ފުރުސަތުތައް ނެތިކޮށްލާ، އާންމު އިތުބާރު ގެއްލުވާލާ ކަމެކެވެ.

ރައީސް މިފަދަ އިއުތިރާފުވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި، އެޕްރީލް 4 ގައި ބޭއްވި ދެ އިންތިހާބާ ދިމާކޮށް، ސަރުކާރުން އެތައް ހާސް ވަޒީފާއެއް ވަނީ ބަހާފަ އެވެ. ވޯޓުލުމުގެ ގަޑިއިރުތަކެއް ކުރިން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން އެތައް ސަތޭކަ ވަޒީފާއެއް އިއުލާނުކޮށް، އެ ވަޒީފާތަކަށް މީހުން ނަގާފައިވާކަން ފާހަގަ ކުރެވެ އެވެ. މިކަންކަމުގެ ސަބަބުން، ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުލިބި، ސިޔާސީ ގޮތުން ނުފޫޒު ފޯރުވާފައިވާ ފަރާތްތަކަށް ވަޒީފާ ލިބިގެން ދިޔަ ކަމުގެ ތުހުމަތު ވަނީ ބޮޑުވެފަ އެވެ.

މިފަދަ އަމަލުތަކަކީ ސަރުކާރުގެ ހިދުމަތްތެރިންގެ މެރިޓް އުސޫލުގެ މައްޗަށް ބިނާވެފައިވާ ނިޒާމަށް އަސަރުކޮށް، ޤައުމީ އިތުބާރު ކެނޑިގެންދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.ނަމަވެސް، މިފަދަ އެއްވެސް މައްސަލައެއް ބަލަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައެއް ނުވެ އެވެ. މި ސަރުކާރާ ގުޅޭ އެއްވެސް ކޮރަޕްޝަނުގެ މައްސަލައެއް އޭސީސީއަކުން އަދި ނިންމާފައެއް ނުވެ އެވެ. ގާނޫނީ ގޮތުން މިފަދަ ކަންކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ މުއައްސަސާއަކުން މިފަދަ ކަންކަމަށް ފަރުވާކުޑަކުރުމަކީ، އާންމުންގެ މެދުގައި ކޮމިޝަންގެ އިތުބާރު ގެއްލި، ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ބެލެވެ އެވެ.

ރައީސް މުއިއްޒުގެ މި އިއުތިރާފަކީ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ކޮރަޕްޝަނާ ގުޅޭގޮތުން ހުރި މައްސަލަތައް ހާމަވެގެންދާ ކަމެކެވެ. އެމަނިކުފާނު މިވަޒަންކުރެއްވި ބަސްފުޅުތަކާއެކު، ކުރިއަށް އޮތްތަނުގައި ވަޒީފާ ދިނުމުގެ ނިޒާމު ހަރުދަނާވެ، ހަމަހަމަ އުސޫލުތަކެއްގެ މަތިން އާންމުކޮށް ވަޒީފާ ދިނުމުގެ އާ ޒަމާނެއް ފެށިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ. ނަމަވެސް، މިކަން ތަންފީޒުކުރުމާއި، މާޒީގައި ހިނގާފައިވާ މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް އޭސީސީ ފަދަ މުއައްސަސާތަކުން އަޅާނެ ފިޔަވަޅުތަކަށް އާންމުން މިވަނީ އިންތިޒާރުކޮށެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު