
ސަހުޔޫނީންނަށް ވަރުގަދަ ހަމަލާތައް: ހިޒްބުﷲ، އިރާނު، އިރާޤު އަދި ހޫތީން އެއްފަހަރާ ހަރަކާތްތެރިވެއްޖެ
ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާއި، އިރާނާއި، އިރާޤުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އަދި ޔަމަނުގެ ހޫތީ ޖަމާއަތުން އެއްފަހަރާ ސަހުޔޫނީންގެ މައްޗަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާތަކަކީ ސަހުޔޫނީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ދެވުނު އެންމެ ބޮޑު، އަދި އެންމެ ނުރައްކާތެރި އެއް ހަމަލާ ކަމަށް ބެލެވެއެވެ. މި ހަމަލާތަކުގެ ސަބަބުން ސަހުޔޫނީންގެ ދިފާއީ ނިޒާމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މުޅި ސަރަހައްދުގައި ނުތަނަވަސްކަން އުފެދުފައިވެއެވެ.
ލުބުނާނުގެ ދެކުނުން ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވަނީ ސަހުޔޫނީންގެ އުތުރުގެ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ރޮކެޓްތައް އަމާޒުކޮށްފައެވެ. މީޑިއާ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ގަލީލް ސަރަހައްދާއި އެހެނިހެން ބޯޑަރު ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ކަތޫޝާ ރޮކެޓްތަކާއި އެހެނިހެން ބާވަތްތަކުގެ ރޮކެޓްތައް ޖަހާފައިވެއެވެ. ހިޒްބުﷲ އިން ބުނެފައިވަނީ މިއީ ގާޒާގައި ސަހުޔޫނީން ހިންގާ އަނިޔާވެރިކަމާއި އީރާނަށްދޭ ހަމަލަަކާއި އަދި ޔަމަނަށްދޭ ހަމަލަތައް ހުއްޓުވުމަށް ދެވުނު ހަމަލާތަކެއް ކަމަށާއި، ސަހުޔޫނީންގެ އަސްކަރީ މަރުކަޒުތަކާއި، ސިފައިން ތިބޭ ސަރަހައްދުތައް ހާއްސަކޮށް އަމާޒުކޮށްފައިވާ ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން ސަހުޔޫނީންގެ އުތުރުގައި އެލަރޓް ސައިރަންތަކުގެ އަޑު އިވި، ރައްޔިތުންނަށް ދިގުދެމިގެންދާ ބިރުވެރިކަން އިތުރަށް ކުރިމަތިވެފައިވެއެވެ.
މި ހަމަލާތަކުގައި އިރާޤުގެ އިސްލާމީ މުގާވަމާ ޖަމާއަތްތަކުންނާއި އިރާނުންވެސް ބައިވެރިވެފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. އިރާޤުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ ސަހުޔޫނީންގެ ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކާއި ރޮކެޓް ހަމަލާތައް ދީފައެވެ. ޚާއްސަކޮށް އިރާޤު-ސީރިއާ ބޯޑަރު ސަރަހައްދުން މި ހަމަލާތައް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިރާނުން ސީދާ ހަމަލާތައް ދީފައިވާ ކަމަށް ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް، އިރާނުގެ ފަރާތުން އެހީތެރިކަން ލިބިގެން، އިރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ވަނީ ސަހުޔޫނީންގެ މައްޗަށް ދިގުދެމިގެންދާ ހަމަލާތައް ދިނުމުގައި ބައިވެރިވެފައެވެ. މި ހަމަލާތަކުގެ އަމާޒަކީ ސަހުޔޫނީންގެ މުހިންމު އަސްކަރީ އަދި އިގްތިސާދީ މަރުކަޒުތައް ކަމަށް ބެލެވެއެވެ. މި ހަމަލާތަކުގެ ސަބަބުން ސަހުޔޫނީންގެ ޖައްވީ ދިފާއީ ނިޒާމުތަކަށް އިތުރު ބުރައެއް އެޅި، އެތައް ފަރާތަކުން އެއްފަހަރާ ހަމަލާ ދިނުމުގެ ސަބަބުން ދިފާއީ ގާބިލުކަން ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ ކަމަށް ބައެއް މާހިރުން ލަފާކުރެއެވެ.
މިރޭގެ ހަމަލާތަކުގައި ޔަމަނުގެ ހޫތީ ޖަމާއަތުންވެސް ބައިވެރިވާ ކަމުގެ މައުލޫމާތު ލިބެއެވެ. ހޫތީން ވަނީ މީގެ ކުރިންވެސް ސަހުޔޫނީންގެ މައްޗަށް ދިގުރާސްތާ މިސައިލް ހަމަލާތަކާއި ޑްރޯން ހަމަލާތައް ދީފައެވެ. މި ހަމަލާތައް އަމާޒުކުރަނީ ސަހުޔޫނީންގެ ދެކުނުގެ ސިޓީތަކަށް، ޚާއްސަކޮށް އެއިލާތް ބަނދަރަށް ކަމަށް ބެލެވެއެވެ. ރަތް ކަނޑުގައި ހޫތީން ހިންގާ ހަރަކާތްތަކުގެ ސަބަބުން ބައިނަލްއަގްވާމީ ކަނޑުގެ ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މިރޭގެ ހަމަލާތަކަކީ ސަހުޔޫނީންނަށް ދެކޮޅަށް ހުޅުވިފައިވާ އެތައް ފަރާތްތަކުގެ ހަނގުރާމައިގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ސަހުޔޫނީންގެ މައްޗަށް އޮތް އަސްކަރީ ޕްރެޝަރު އިތުރުވެ، އެމީހުންގެ ސަލާމަތީ ކަންކަން ހިފެހެއްޓުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވެއެވެ.



