
ރައްޔިތުންގެ އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް ސޯލިހު
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން އިއްޔެ ނެގި ވޯޓުގައި ރައްޔިތުންގެ އަޑުއަހައި ރައްޔިތުންގެ ސިޔާސަތުތަކަށް ލަސްނުކޮށް ބަދަލު ގެންނަށް ޖެހޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ސޯލިހް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިހާބީ މޭޔަރުންނާއި، ކައުންސިލަރުންނާއ، ޑަބްލިއުޑީސީގެ މެންބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ސޯލިހު ޝުކުރު އަދާކުރެއްވި އެވެ.
ސޯލިހް ވިދާޅުވީ ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައި ކަމަށެވެ. ރައްޔިތުން މިއަދު އެ ބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލު ކުރަން ޖެހިއްޖެ ވާހަކަ ކަމަށާއި ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭ ގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށް ސޯލިހް ވިދާޅުވިއެވެ.
އިންތިހާބުތަކުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިންތިހާބުގައި ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި އެ ސިޓީގެ މެޖޯރިޓީ ވަނީ އެމްޑީޕީން ހޯދައިފައެވެ. އެކަމަކު، ގިނަ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގޮނޑިތައް ނެގީ ވެރިކަން ކުރާ ޕީއެންސީންނެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި ވެސް ރައްޔިތުން ބުނީ ނޫނެކޭ އެވެ.

